Last Updated: April 25, 20:50
Thursday, April 25, 2024
ކުޅިވަރު

30 އަހަރަށްފަހު ޓޮޓީ ރޯމާ ދޫކޮށްލައިފި

ރޯމާގެ ޑިރެކްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވައި، 30 އަހަރަށްފަހު ފްރެންސެސްކޯ ޓޮޓީ އެ ކްލަބު ދޫކޮށްލަން ނިންމައިފިއެވެ.

އުމުރުން 42 އަހަރުގެ ޓޮޓީގެ ޕްރޮފެޝަނަލް ކެރިއަރު ހޭދަކުރީ ރޯމާގައި ކަމަށްވާއިރު، އޭނާ ވަނީ 2017 ވަނަ އަހަރު ކުޅުން ހުއްޓާލާފައެވެ. ކުޅުން ހުއްޓާލުމަށްފަހު ޓޮޓީ ދެން އަދާކުރަމުން ދިޔައީ ރޯމާގެ ޑިރެކްޓަރުގެ މަގާމުގައެވެ.

ޓޮޓީ އެ މަގާމުން އިސްތިއުފާ ދިންއިރު އޭނާ އަށް އެ ކްލަބުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ހުށަހަޅާފައިވާކަން ރޯމާގެ ރައީސް ޖޭމްސް ޕަލޮއްޓާ ވަނީ މިދިޔަ ހަފްތާގައި ހާމަކުރައްވާފައެވެ.

"އެ މަގާމުން އިސްތިއުފާ ދޭން ނިންމައިފިން. އަހަރެން ވަރަށް އުއްމީދު ކުރިން މި ދުވަސް ނާންނާނެ ކަމަށް. އެކަމަކު މި ދުވަސް މިއޮތީ މިހާރު އައިސްފައި" އިޓަލީގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޓޮޓީ ބުންޏެވެ.

ޓޮޓީ ބުނީ ރޯމާގެ ޓެކްނިކަލް ދާއިރާގައި ހަގީގީ ގޮތެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު އޭނާ އަށް ލިބިފައިނުވާ ކަމަށާއި އެގޮތުން ރޯމާގެ އިސްވެރިން ނިންމާ ބޮޑެތި ނިންމުންތަކުން އޭނާ ހުރީ ވެސް އެކަހެރިކޮށްފައި ކަމަށެވެ. އަދި ރޯމާ އަށް ދެން އެނބުރި އަންނާނީ މިހާރުގެ ލީޑަޝިޕު ބަދަލުވި ދުވަހަކުން ކަމަށްވެސް ޓޮޓީ ބުންޏެވެ.

"ޕަލޮއްޓާ (ރޯމާގެ ރައީސް) ވަށައިގައިން އެތިބީ މުޅިން ނުބައި ބައެއް. އެކަމަކު އޭނާ ހަމައެކަނި އެ އަޑުއަހަނީ އެމީހުން ދައްކާ ވާހަކަ. ކޮންމެ މީހަކަށް ވެސް ގޯސްތަކެއް ހެދޭނެ. އެކަމަކު އަށް އަހަރު ވަންދެން އެއް ގޯހެއް ތަކުރާރުވާ ކަމަށްވާނަމަ އަމިއްލަ ނަފްސާ ސުވާލުތަކެއްކޮށްލަންޖެހޭ. ޔަގީނުން ވެސް ކޮންމެވެސް ކަމެއް ގޯސްކޮށް އެބަ ހިނގާ" ޓޮޓީ ބުންޏެވެ.

ޓޮޓީ ރޯމާ ދޫކޮށްލިއިރު އެ ކްލަބަށް ކުޅެމުން އައި ތަޖުރިބާކާރު މިޑްފީލްޑަރު ޑިރޮސީ ވެސް ވަނީ މިދިޔަ ސީޒަނަށްފަހު ރޯމާ ދޫކޮށްލާފައެވެ. ޑިރޮސީ ވަނީ ރޯމާގައި 18 އަހަރު ހޭދަކޮށްފައެވެ.