އިއްޔެގެ ވަގުތެއްގައި އަވަހާރަވި މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީގެ ހަށިކޮޅު ފަސްދާނުލައިފިއެވެ.
މިސްރުގެ ސްޓޭޓް ޓީވީން ބުނިގޮތުގައި މުރްސީ އަވަހާރަވީ އިއްޔެ އޮތް ޝަރީއަތުގެެ އަޑުއެހުމަކަށް ވަޑައިގެން ހުންނަވަނިކޮށެވެ. އެގޮތުން މުރްސީ އަވަހާރަވީ ކޯޓުގައި ބޭއްވި އަޑުއެހުމަށް ފަހު ހޭފުޅުނެތިގެން ވެއްޓިވަޑައިގެން ފަހުން ކަމަށް ވެސް ސްޓޭޓް ޓީވީން ބުނެއެވެ.
މުރްސީގެ ގާނޫނީ ވަކީލުންގެ ޓީމުން މީޑިޔާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ މުރްސީ ފަސްދާނުލާފައިވަނީ ވަރުގަދަ ސެކިއުރިޓީ އާއެކު ޖީއެމްޓީ ގަޑިން 3:00 ގައި ނަސްރު ސިޓީގައި ކަމަށެވެ. މުރްސީގެ ޖަނާޒާގައި ބައިވެރިވީ ހަމައެކަނި އާއިލާގެ މެމްބަރުންނާއި ވަކީލުންނެވެ.
މުރްސީގެ އާއިލާ އިން އޭނާ ފަސްދާނުލާން ބޭނުންވީ، މުރްސީގެ އުފަން އަވަށް ކަމަށްވާ ޝާގިއާ ޕްރޮވިންސްގައެވެ. ނަމަވެސް މިސްރުގެ ކަމާބެހޭ ފަރާތްތަކުން މުރްސީގެ އާއިލާ އަށް އެ ހުއްދަ ދީފައެއް ނުވެއެވެ.
ހުސްނީ މުބާރަކްގެ 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމަށްފަހު، ޑިމޮކްރެޓިކް އިންތިހާބަކުން މިސްރުގެ ވެރިކަމަށް މުރްސީ ވަޑައިގެންނެވީ 2012 ވަނަ އަހަރުއެވެ. ނަމަވެސް 2013 ވަނަ އަހަރު އަސްކަރީ ބަޣާވާތެއް ގެނެސް މުރްސީ ވަނީ މަގާމުން ދުރުކޮށްފައެވެ.
އެއަށްފަހު މުރްސީގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާފައިވާއިރު، ފާއިތުވި ހަ އަހަރު ވަންދެން މުރްސީ އޮންނެވީ ޖަލުގައެވެ.
މީގެއިތުރުން މުރްސީ ނިސްބަތްވާ މުސްލިމް ބުރަދަހޫޑް ޖަމާއަތް ވެސް މިސްރުގައި ވަނީ މަނާކޮށްފައެވެ.