Last Updated: April 25, 17:49
Thursday, April 25, 2024
ޚަބަރު

އައްޑޫގެ މަގުތައް ހެދުމަށް ބޭނުންވާ ފައިސާ ހަމަޖެހިއްޖެ

އައްޑޫ ސިޓީގެ ހިތަދޫ ---

އައްޑޫ ސިޓީ އަރބަން ސެންޓަރަކަަށް ބަދަލު ކުރާއިރު ބޭނުންވާ މަގުތައް ހެދުމަށްޓަކައި ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ވިދާޅުވެއްޖެއެވެ.

ސަރުކާރުން އިސްނަގައިގެން ކުރުނބާ މޯލްޑިވްސްގައި ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ޕާޓްނަރޝިޕް ފޯރަމް ނިންމާލުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޕާޓްނަރޝިޕަށް ބައެއް މަޝްރޫޢުތައް ގެނައި އިރުވެސް ބައެއް މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ޕާޓްނަރޝިޕް ފޯރަމަށް ހުށަހެޅި ބައެއް މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހުރީ ހަމަޖެހިފައި. އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ތެރެއިން އައްޑޫ އަރބަން ސެންޓަރަކަށް ބަދަލު ކުރުމަށްޓަކައި ބޭނުންވާ ފައިސާ ހުރީ ހަމަޖެހިފައި،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެފައިސާ ހަމަޖެހިފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނުގެ ތެރެއިން ކަމަށެވެ. އަދި އެ ފައިސާއަކީ އައްޑޫ ސިޓީ އަރބަން ސެންޓަރަކަށް ބަދަލުކުރާއިރު ބޭނުންވާ މަގުތައް ހެދުމަށް ހަމަޖެހިފައިވާ ފައިސާ ކަމަށާއި އެއީ ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އައްޑޫ ސިޓީއަށް ސަރުކާރުން ވަނީ 6.3 ބިލިއަން ރުފިޔާގެ މަޝްރޫޢުއެއް ގެންނަން ނިންމާފައެވެ. އައްޑޫ ރައްޔިތުންނާއި މުޚާތަބު ކުރައްވާ ރައީސް ވަނީ އައްޑޫ ސިޓީގެ މަތިން ހަނދާން ނައްތާ ނުލައްވާނެ ކަމަށް ވިދާޅުވެފައެވެ.

"އައްޑުއަކީ ވަރަށް ހާއްސަ ތަނެއް، މާލެއަށް ފަހު އެންމެ ބޮޑު އާބާދީއެއް ވެސް އޮތީ ވެސް އައްޑުގައި ގުދުރަތީ ގޮތުން ނުހަނު ރީތިތަނެއް، ތަރައްގީ ކުރާނެ ފުރުސަތު އެހާ ބޮޑު ތަނެއް،" ރައީސް ވިދާޅުވި އެވެ. "އައްޑޫއަށް ގެންނަ މެގަ މަޝްރޫއާ ގުޅިގެން މުޅި އައްޑޫ އާރާސްތުވެ، އައްޑޫގެ އިނދަޖެހިފައިވާ އިގްތިސާދު ކޮޅަށް ޖެހި، ގައުމީ އިގްތިސާދުގެ އިންޖީނަކަށް އައްޑޫ ވެގެން ދާނެ،" އައްޑޫ ރަައްޔިތުންނާއި މުޚާތަބު ކުރައްވާ ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިޙު ވިދާޅުވީ އެ ބިޔަ މަޝްރޫއު ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި ހިނގާނެ ކަމަށެވެ. އަދި މި އަހަރު އެކަނި ވެސް އަައްޑޫ ތަރައްގީއަށް 470 މިލލިއަން ރުފިޔާ ހަރަދު ކުރުމަށް ބަޖެޓުގައި ކަނޑައަޅާފައިވާ ކަމަށާއި އެއީ މަގުތައް ހެދުމާއި ބަނދަރާއި ބިން ހިއްކުމުގެ މަސައްކަތަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ސަރުކާރުން އައްޑޫ ސިޓީއަކީ އާބަން ސެންޓަރަކަށް ހަދަން ބޭނުންވަނީ ތަރައްޤީގެ މަޝްރޫޢުތައް ވަކިވަކިން ނުގެނެސް އެއްފަހަރާ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކެއް ގެނައުމެވެ. އަދި އެކަމުގެ ފައިދާ މުޅި އަތޮޅަށް ކުރުމެވެ.