Last Updated: April 25, 18:10
Thursday, April 25, 2024
ޚަބަރު

މުއައްސަސާތަކުން ގާނޫނީ ހުދޫދުގެ ތެރެއިން ކަންކަން ކުރައްވާ: މައުމޫން

އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް

ކޮންމެ މުއައްސަސާއަކުން ވެސް އެ މުއައްސަސާއެއްގެ ގާނޫނީ ހުދޫދުގެ ތެރެއިން ކަންކަން ކުރެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

މައުމޫން މިކަމަށް ގޮވާލައްވާފައިމިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނާއިސުޕްރީމް ކޯޓާއި ދެމެދު ބޮޑު "ކޯޅުމެއް" ފެށިފައިވާ ދަނޑިވަޅެއްގައެވެ.

މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ މުއައްސަސާއަކުން ވެސް ގާނޫނު އަސާސީ ތަންދޭ ގޮތެއްގެ މަތިން އަދި އެ މުއައްސަސާއެއްގެ ގާނޫނީ ހުދޫދުގެ ތެރެއިން ކަންކަން ކުރެއްވުމަށް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ގޮވާލާ ކަމަށެވެ.

ޖޭއެސްސީ އާއި ސުޕްރީމް ކޯޓާއި ދެމެދު "ކޯޅުން" ފެށިފައިވަނީ، ޖޭއެސްސީ އަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރަން އެ ކޮމިޝަނުން ނިންމި ހިސާބުންނެވެ.

އެގޮތުން ސުޕްރީމް ކޯޓުން ވަނީ އެ ކޯޓަށް ދީދީ ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލަ ބަލައި ނިމެންދެން އެ ނިންމުމަށް އަމަލުކުރުން ފަސްކުރަން ޖޭއެސްސީގެ މައްޗަށް އަމުރުކޮށްފައެވެ. ނަމަވެސް ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ އަމުރަށް ގޮންޖައްސަވައި ދީދީގެ ސަސްޕެންޝަން ދަމަހައްޓާފައެވެ.

ފަނޑިޔާރު ދީދީގެ އިތުރުން ވެސް ސުޕްރީމް ކޯޓުގެ އިތުރު ތިން ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީ އަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އެއީ ކޮން ފަނޑިޔާރުންނެއް ކަމެއް ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ.