Last Updated: April 16, 09:59
Tuesday, April 16, 2024
ޚަބަރު

ޖަޕާނުގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވައިފި

ޞާލިޙްގެ އަރިހަށް ޖަޕާނުގެ ބޮޑުވަޒީރުގެ ޚާއްޞަ އެޑްވައިޒަރ މިސްޓަރ ކެންޓަރޯ ސޮނޮއުރާ ވަޑައިގެން ރައީސާއި ސަލާމް ކުރައްވަނީ -- ފޮޓޯ / ރައީސް އޮފީސް

ޖަޕާނުގެ ބޮޑުވަޒީރަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެ ވަޑައިގަތުމުގެ ދަޢުވަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.

މި ދަޢުވަތު އެމަނިކުފާނު ދެއްވާފައި ވަނީ ރައީސް ޞާލިޙުގެ އަރިހަށް ޖަޕާނުގެ ބޮޑުވަޒީރުގެ ޚާއްސަ އެޑްވައިޒަރ ކެންޓަރޯ ސޮނޮއުރާ، ރައީސް ޞާލިޙުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް މި ބައްދަލުކޮށްލެއްވުމުގައި ރައީސް ސޯލިހު ވަނީ މިސްޓަރ ކެންޓަރޯ ސޮނޮއުރާ ރާއްޖެ ވަޑައިގެންނެވިކަމަށްޓަކައި ޝުކުރުއަދާކުރައްވައި، މަރުޙަބާ ވިދާޅުވެފައެވެ. އަދި މޯލްޑިވްސް ޕާރޓްނަރޝިޕް ފޯރަމްގައި މިސްޓަރ ކެންޓަރޯ ސޮނޮއުރާ ބައިވެރިވެ ވަޑައިގެން ދެއްވި އެއްބާރުލެއްވުމަށްޓަކައި ރައީސުލްޖުމްހިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއާއި ޖަޕާނާ ދެމެދުގައި ދޭދޭ ގުޅުން ޤާއިމުކުރީއްސުރެ، ދެޤައުމުގެ ދެމެދުގައި ވަރަށް ގާތް އެކުވެރި ގުޅުމެއް އުފެދިފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި، ޖަޕާނު ސަރުކާރުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމަށް ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވަމުން ދާދިފަހުން ޖަޕާނު ސަރުކާރުން ފައްސަތޭކަ މިލިޔަން ޖަޕަނީޒް ޔެންގެ އަގުހުރި ކަނޑުއުޅަނދުފަހަރު ހަދިޔާ ކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ މިއަހަރުގެ ފަހުކޮޅު ރައީސުލްޖުމްހޫރިއްޔާ ޖަޕާނަށް ކުރައްވަން ހަމަޖެހިފައިވާ ފުރަމާނަ ދަތުރުފުޅާބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ.

ޕާޓްނަރޝިޕް ފޯރަމްގެ ޙަވާސާގެ ބޭރުން ޖަޕާނާއި ރާއްޖެއާއެކު ވަނީ އެއްބަސްވުމެއްގައި ސޮއި ކުރައްވާފައެވެ. އެއީ ރާއްޖޭގެ އިޖުތިމާޢީ ތަރައްޤީއަށް ޖަޕާނު 4.6 މިލިއަން ޑޮލަރު ދިނުމާއި ގުޅޭ އެއްބަސްވުމެކެވެ.