Last Updated: April 20, 19:35
Saturday, April 20, 2024
ޚަބަރު

ބިގަށް ފައިސާ ދިން މައްސަލާގައި އޭޖީއާ ފައްޔާޒު މަޖިލީހަށް ހާޒިރުކުރަނީ

މިނިސްޓަރު ފައްޔާޒު (ވ) އަދި އޭޖީ ރިފްއަތު ---

ބިޒުނަސް އިމޭޖު (ބިގް) ކުންފުންޏަށް ދަޢުލަތުން އެހާގިނަ ފައިސާތަކެއް އެއްފަހަރާ ދޭން ޖެހުނު މައްސަލާގައި ދަޢުލަތުގެ ބަންޑާރަ ނާއިބު އިބްރާޙީމް ރިފްޢަތާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިޞްމާޢީލް މާދަމާ އޮންނަ ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުކޮށް ސުވާލު ކުރުމަށް ކާށިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ޢަބްދުﷲ ޖާބިރު ހުށަހަޅައިފިއެވެ.

އައްޑޫލައިވް އިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޖާބިރު ވިދާޅުވީ 19ވަނަ މަޖިލީހުގައި އެންމެ ފުރަތަމަ މިނިސްޓަރުން ގެނެސްގެން ސުވާލު ކުރުން މާދަމާ އޮންނަ މަޖިލީހުގައި އޮންނާނެ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ އެޓަރނީ ޖެނެރަލް ރިފްޢަތާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު މާދަމާ އޮންނަ މަޖިލީހަށް ހާޒިރު ކުރުމަށް ހުށަހަޅާފައިވާ ކަމަށާއި އެކަން އެގޮތަށް މާދަމާ ހިނގާނެ ކަމަށެވެ.

"ބަންޑާރަ ނާއިބު މި ހާޒިރު ކުރަނީ ބިގު ކުންފުންޏަށް އެހާގިނަ ފައިސާ ދަޢުލަތުން ދޭންޖެހުނު މައްސަލާގައި. އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު މި ހާޒިރު ކުރަނީ އެ ކުންފުންޏަކީ މިނިސްޓަރު ފައްޔާޒުގެ ވަރަށް ގާތް ބޭފުޅުންތަކެއްކަން އަޅުގަނޑަށް އެނގޭތީވެ އެކަމުގައި މިނިސްޓަރާއި ސުވާލު ކުރެއްވުމަށް،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އޭނާ ރައްޔިތުންގެ މަޖިލީހަށް ކާށިދޫ ދާއިރާގެ ރައްޔިތުން ހޮއްވެވީ ހިނގަމުންދާ މައްސަލަތަކުގައި މަޖިލީހުގައި ވަކާލާތުކޮށް ރައްޔިތުންގެ އަޑު މަޖިލީހުގައި އިއްވުމަށް ކަމަށެވެ. އެހާގިނަ ފައިސާ ދަޢުލަތުން އެއްފަހަރާ ބިގު ކުންފުންޏަށް ދިނުމުގައި މައްސަލަތަކެއް އުޅޭ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެހެންކަމުން މާދަމާ އޮންނަ މަޖިލީހުގައި އެކަން ސާފު ކުރައްވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ބިގު ކުންފުންޏަކީ ސަރުކާރުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއިލްގެ 90 ޕަސެންޓު ހިއްސާ އޮންނަ ކުންފުންޏެކެވެ. ބިޒުނަޒް އިމޭޖު ނުވަތަ (ބިގު) ކުންފުންޏަށް 30 މިލިއަން ރުފިޔާ ވަނީ ދީފައެވެ. އެއީ ބިސްނަސް އިމޭޖް ގުރޫޕު (ބިގް) އާ އޭރު ދައުލަތުގެ މީޑިއާ ހިންގި އެމްއެންބީސީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ބިގަށް 78 މިލިއަން ރުފިޔާ ދޭން ޖެހޭ ކަމަށް 2016 ވަނަ އަހަރު ސިވިލް ކޯޓުން ކުރި ހުކުމްގެ ތެރެއިން އެއްބައި ފައިސާއެވެ.

ބިގަށް 78 މިލިއަން ދޭން 2016 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމް ކުރީ އެމްއެންބީސީއިން އެ ކުންފުންޏަށް ދޭން ޖެހޭ ފަސް މިލިއަން ރުފިޔާ އާއި ޖޫރިމަނާގެ ގޮތުގަ އެވެ. ޖޫރިމަނާ އަށް 72 މިލިއަން ދައްކަން ޖެހޭ ކަން ސިވިލް ކޯޓުގެ ހުކުމުގައިވެ އެވެ.

މީގެ ކުރިން އެ ފައިސާ ނުދީ އޮތީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނުވެ އެވެ. އެކަމަކު އެފައިސާދޭން ކޯޓުން ހުކުމް ކުރި އެމްއެންބީސީގެ މުއައްސަސާ އަދިވެސް އުވާލާފައެއް ނުވެ އެވެ. އެ ކުންފުނި އެހެން އޮއްވައި ދައުލަތުގެ މީޑިއާ ހިންގަން މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޯޕަރޭޝަން (އެމްއެންބީސީ) ގެ ދަށުން ވަނީ ވަކި ކުންފުންޏެއް އުފައްދާފަ އެވެ. އެކުންފުނީގެ ގާނޫނު ވަނީ 2015 ވަނަ އަހަރު އުވާލައިފަ އެވެ. އެމްބީސީގެ ހުރިހާ ދަރަންޏެއްގެ ޒިންމާ ޕީއެސްއެމުން ނަގަން ޖެހޭ ކަމަށް ޕީއެސްއެމްގެ ގާނޫނުގައި ބުނެފައިވީ ނަމަވެސް އެމްއެންބީސީގެ ދަރަންޏަށް ޒިންމާ ނަގަން ޖެހޭ ކަމަށް ގާނޫނުގައި ލިޔެފައެއް ނުވެ އެވެ.