Last Updated: April 20, 06:38
Saturday, April 20, 2024
ކުޅިވަރު

ވެނެޒުއެލާ އިން ބްރެޒިލް ހިފަހައްޓައިފި

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ ބްރެޒިލް އާއި ވެނެޒުއެލާ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.

މި ނަތީޖާއާއެކު ވެސް ގްރޫޕްގެ އެއްވަނައިގައި ހަތަރު ޕޮއިންޓާ އެކު ބްރެޒިލް އޮތީ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ޕެރޫ އަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވީ ނަމަވެސް ބްރެޒިލް އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ގްރޫޕްގެ ތިންވަނައިގައި ދެ ޕޮއިންޓާ އެކު ވެނެޒުއެލާ އޮތްއިރު ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތީ ބޮލީވިޔާއެވެ.

ވެނެޒުއެލާ އިން ވަރަށް ޑިފެންސިވް ކުޅުމެއް މި މެޗުގައި ދެއްކިއިރު، ބްރެޒިލް އިން ކާމިޔާބުކުރި ދެ ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު ރެފްރީ ވަނީ އެ ގޯލުތައް ކެންސަލް ކޮށްފައެވެ. އޭގެ އިތުރުން ވެސް ބްރެޒިލް އަށް މި މެޗުގައި ގޯލްޖަހާނެ ފުރުސަތުތަކެއް ލިބިގެން ގޮސްފައިވެއެވެ.

އެގޮތުން ގެބްރިއަލް ޖީސެސް އާއި ފާނަންޑީނިއޯ ފޮނުވާލި ދެ ހަމަލާއެއް ގޯލުގެ ކުޑަތަންކޮޅެއް ބޭރުން ދިޔައިރު ރިޗާލިސަން ފޮނުވާލި ހަމަލާއެއް ވެނެޒުއެލާގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މި މެޗު އެއްވަރުވި ނަމަވެސް މުބާރާތުގެ ކުއާޓާފައިނަލަށް ދިޔުމުގެ ފުރުސަތު ބްރެޒިލް އަށް އަދި އެބައޮތެވެ. އެގޮތުން ގްރޫޕްގެ ފަހު މެޗުގައި ޕެރޫއާ އެއްވަރުކޮށްލައިގެން ވެސް ބްރެޒިލް އަށް ކުއާޓާ އަށް ދެވޭނެއެވެ.