Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

ފަނޑިޔާރު ދީދީގެ އަނބިކަނބަލުން މަގާމުން ވަކިކޮށްފި

ސުޕްރީމު ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުން ޣާނިޔާ އަބްދުލް ޣަފޫރު މަގާމުން ވަކިކޮށްފިއެވެ.

ފަނޑިޔާރު ދީދީގެ އަނބިކަނބަލުން ހުންނެވީ ދިވެހި ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނެވި ޑެޕިޔުޓީ އެމްބެސެޑަރުގެ މަގާމުގައެވެ. އޭނާ އެމަގާމަށް އައްޔަނު ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ތުހުމަތުކުރެވޭ ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވަނީ އޭނާގެ އަނބިކަނބަލުން ޣާނިޔާ އަބްދުލް ޣަފޫރުގެ ނަމުގައި މެލޭޝިޔާގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ކަމަށް ތުހުމަތުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވަނީ ޖޭއެސްސީއަށް މައްސަލަ ހުށަހަޅުއްވާފައެވެ.

މިމައްސަލާގައި ޖޭއެސްސީން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރިކަން ހާމަކުރެއްވީ މިމަހުގެ 12ވަނަ ދުވަހުއެވެ. އޭނާ ސަސްޕެންޑްކުރީ އޭނާއާމެދު ހުށައެޅިފައިވާ މައްސަލައެއް ފުލުހުން ތަހުޤީގުކުރަމުން ގެންދާތީކަމަށް ޖޭއެސްސީން ހާމަކުރެއްވިއެވެ. މިމައްސަލަ ޖޭއެސްސީއަށް ހުށައެޅުއްވީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.

އަބްދުﷲ ދީދީ ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އެ ވާހަކަތައް ދޮގުކުރައްވާ އަބްދުﷲ ދީދީ ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ޙައްގު ނޫން ފައިސާއެއް އޭނާއާއި ގުޅުންހުރި އެއްވެސް އެކައުންޓެއްގައި ނުހުންނާނެކަމަށެވެ.

ޖޭއެސްސީން ފަނޑިޔާރު ދީދީ ސަސްޕެންޑްކުރިކުރުމަށް ޢަމަލުކުރުމަށް އަންގައި އަދި އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގައި މިމަހުގެ 13ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ. ސުޕްރީމް ކޯޓުން ނެރުނު ވަގުތީ ޢަމުރުގައި ވިދާޅުވެފައިވަނީ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ ގެ ސުލޫކީ މައްސަލައެއްގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ އިތުރުން ޢާންމު ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ހުށައަޅާފައިވާ މައްސަލައެއްކަމަށް ފަނޑިޔާރު އަބްދުﷲ ދީދީ ސްޕްރީމް ކޯޓަށް މައްސަލައެއް ހުށައަޅާފައިވާކަމަށެވެ.

މިއާއެކު މިމައްސަލަ އާމެދު ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ޖޭއެސްސީގެ ނިންމުމަށް ޢަމަލުކުރުމަށް އަންގައި އަދި އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގާކަމަށެވެ. މިއާއެކު ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ ޖޭއެސްސީއަށް ގޮންޖައްސަވައި މަސައްކަތަށް ނުކުންނެވި މައްސަލަ ތަހްޤީޤުކުރުމަށް ޖުޑީޝަލް ސަރވިސްކޮމިޝަން ޖޭއެސްސީންވަނީ ކޮމިޓީއެއް އެކުލަވާލާފައެވެ. މިމައްސަލާގައި ފަނޑިޔާރު ޢަބްދުﷲ ދީދީވަނީ ޖޭއެސްސީއަށް ޙާޒިރުވެސްކޮށްފައެވެ.