Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ޖުޑީޝަރީ އަށް އަތްބާނަން ކުރާ މަސައްކަތަށް ތާއީދު ނުކުރާނަން: ޖާބިރު

މަޖިލިސް ބަހުސްގައި ޖާބިރު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ / މަޖިލިސް

ރައްޔިތުންގެ މަޖިލިސް ބޭނުންކޮށްގެން ފަނޑިޔާރު ގެއަށް އަތްބާނަން ކުރާ މަސައްކަތައް ތާއީދު ނުކުރެވޭނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ފަސްކުރަން އެ ކޯޓުން ކުރި އަމުރާ ހިލާފަށް ޖުޑީޝަލް ސާވިސް ކޮމިޝަނާއި، ރައްޔިތުންގެ މަޖިލީހާއި، މަޖިލީހުގެ އެއްވެސް ކޮމިޓީއަކުން ވެސް ނިންމާ ކޮންމެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން އަމުރުކޮށް އެކަން މަޖިލީހަށް އަންގާފައިވާ މައްސަލައާ ގުޅޭގޮތުން މިއަދު ބަހުސްކުރައްވަމުން ޖާބިރު ވިދާޅުވީ ގާނޫނު އަސާސީގައި ތިން ބާރު ވެސް އޮންނަންޖެހޭނީ ވަކިން ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް މިހާރު ފެންނަމުންދަނީ ތިންބާރު އެއްކުރަން މަސައްކަތްކުރާތަން ކަމަށާއި އެގޮތުން ދެ ބާރު މިހާރުވެސް އެއްކުރެވިފައިވާ ކަމަށެވެ.

"ޖުޑީޝަރީގެ ތެރެއަށް އަތްބާނައިގެން، ފަނޑިޔާރުގެ އަށް އަތްބާނަން މި މަޖިލިސް ބޭނުންކޮށްގެން މިކުރާ މަސައްކަތަށް އަޅުގަނޑު ތާއީދެއް ނުކުރަން. ކަންކަން ކުރަންޖެހޭ ގޮތް ގާނޫނު އަސާސީގައި އެބައޮތް ބުނެފައި. ގާނޫނު އަސާސީ އެކަމެއް ސާފުކޮށް ލިޔެވިފައި އޮތް ގޮތާއި ހިލާފަށް ދީފައިވާ ބާރެއް ނިގުޅައިގަންނަނީ ގާނޫނު އަސާސީން ބޭރު ދޮރާށިން ޓަކި ޖަހައިގެން ނުހުޅުވަނީސް، ފާރުމަތިން އަރައިގެން ކަމަށްވަންޏާ އެއީ ރާއްޖެ އަށް ޑިމޮކްރެސީ އަންނާނެ ގޮތެއް ނޫން" ޖާބިރު ވިދާޅުވިއެވެ.

ޖުޑީޝަރީ އަށް އަތްބޭނުމުގެ ބަދަލުގައި ޖުޑީޝަރީ އަށް ހިތް ނުރުހޭ ބާރުތަކެއް ގާނޫނު އަސާސީ މެދުވެރިކޮށް ދެވިފައިވާނަމަ އެ ބާރުތައް ބަދަލުކުރުން މާ ރަނގަޅު ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.