Last Updated: April 18, 22:36
Friday, April 19, 2024
ޚަބަރު

ހައްޖަށް ދިއުމަށް ޕެންޝަން ފައިސާ ދޫކުރުމުގެ އެއްބަސްވުމެއް ހަދައިފި

ރާއްޖޭން މިއަދު ހެނދުނު ހައްޖަށް ފުރި ބައެއް ހައްޖުވެރިންނާ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ބައްދަލުކުރައްވަނީ --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ބައިވެރިން ޙައްޖުވުމަށް ފައިސާ ދޫކުރާ ފޯމް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހަޅަންޖެހޭގޮތަށް ހަމަޖައްސައިފިއެވެ.

ޕެންޝަން ސްކީމުގެ ބައިވެރިން ޙައްޖުވުމަށް ފައިސާ ދޫކުރާ ފޯމު ޙައްޖު ކޯރޕަރޭޝަނަށް ހުށަހަޅާފައިވަނީ ޕެންޝަން އޮފީހާއި ޙައްޖު ކޯރޕަރޭޝަނާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.

ޕެންޝަން އޮފީހުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޙުސައިން މަނިކެވެ. އަދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ޙަމީދުއެވެ.

މި އެއްބަސްވުމުގެ ދަށުން ޝަރުޠު ހަމަވާ ބައިވެރިންގެ ފައިސާ، ޕެންޝަން އޮފީހުން ދޫކުރާނީ ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް، އަމިއްލަ ގޮތުން ޙައްޖަށް ދިއުމަށް ދައްކަންޖެހޭ އަގުގެ %50 ދައްކާފައިވާ ބައިވެރިއެއްގެ ޖާގަ ރިޒާވް ކުރުމަށް އެ ބައިވެރިއެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓު ބޭނުންކުރުމުގެ ފުރުޞަތުވެސް މި އެއްބަސްވުމުގެ ދަށުން ވަނީ ހުޅުވާލާފައެވެ.

ޙައްޖުވުމަށް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ފަރުޟު ޙައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ ފަރާތްތަކުގެ ތެރެއިން ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓު ބެލެންސްގައި މަދުވެގެން ތިންސަތޭކަ ތިރީސް ހަހާސް ރުފިޔާ ޖަމާކުރެވިފައިވާ ފަރާތްތަކަށެވެ.