Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

ގައުމުތަކާއެކު ގުޅުން ބާއްވާނީ މިނިވަންކަމަށް އުނިކަން ނާންނާނެ ގޮތަށް

ޤައުމުތަކާއެކު ރާއްޖެއިން ގުޅުން އުފައްދައި ދަމަހައްޓާނީ، ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަމަށް، ކުޑަނަމަވެސް އުނިކަމެއް ނާންނާނެ ގޮތުގެ މަތިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހި ސަފީރުންގެ އަހަރީ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސް އަމާޒަކީ، ރާއްޖޭގެ ސިޔާދަތާ މިނިވަންކަން ޙިމާޔަތްކޮށް، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުންކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހިންގެ އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމާއެކު، ފުރިހަމަ ޑިމޮކްރެޓިކް ނިޒާމެއް ޤާއިމުކޮށް، އިޤްތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށްވުމަކީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އަސާސްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، ބައިނަލްއަޤުވާމީ މަސްރަޙުގައި ސާބިތުކަމާއެކު އިސްއުފުލައި، ޢަދުލުވެރިކަމާއި ހަމަޔާއި އިންސާފަށް އަޑުއުފުލުމަކީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އެއް ރުކުން ކަމާއި ބައިނަލްއަޤުވާމީ މުޖްތަމަޢުގައި ރާއްޖޭގެ ހައިބަތު އުފުލައިދެނީ، މި ހަރުދަނާ ޑިޕްލޮމަސީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަފީރުންގެ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ ޚާރިޖީ ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ހީނަރުވެފައިވާ ގުޅުންތައް އަލުން ބަދަހިކުރުމާއި ޚާއްޞަކޮށް ދިވެހި ކިޔަވާކުދިންނަށް ދޭންޖެހޭ ކޮންސިއުލަރ ޚިދުމަތްތައް ފަސޭހަކޮށްދިނުމާއެކު، އެޚިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަކީ، ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއްކަމުގައެވެ. މިކަމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވޭނީ ސަފީރުންނަށްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު މަތިވެ، ފަތުރުވެރިކަމުގެ އިންވެސްޓްމަންޓްތައް އިތުރުވެފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ނަމަވެސް އަދިވެސް ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި، ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯ ފުރިހަމަ ކުރާނެ ގޮތްތަކެއް ހޯދުމާއި ތަރައްޤީގެ މަޝްރޫޢުތަކުގެ ފައިދާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، ބޭރުގެ ޤައުމުތަކާއެކު މުޢާމަލާތްކޮށް ރާއްޖޭގެ ތަރައްޤީގައި ބައިވެރިވެ އެހީވެދޭނެ ފަރާތްތައް ހޯދުންފަދަ މަސައްކަތްތައް ކުރަންހުރިކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލާއިރު، އިންވެސްޓަރުންނާއި ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށްޓަކައި، ކުރަންޖެހިފައިވާ އެންމެ މުހިންމު އެއްކަމަކީ ރާއްޖޭގެ ތަޞައްވުރު ރަނގަޅުކުރުންކަން ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގައި ހިނގާ އެކި ކަންކަމާ މެދު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަހުސްތައް ކުރެވެމުންދާއިރު، ކަމުގެ ޙަޤީޤަތްތަކާއި ރާއްޖޭގައި ކަން ހިނގާ އުޞޫލުތައް އޮޅުންފިލުވައިދޭންޖެހޭކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ތަރައްޤީގެ ކަންކަމުގައި ބޭރުގެ ޤައުމުތަކާ ގުޅުން އުފައްދާއިރުވެސް، ރާއްޖޭގެ ޤަދަރާއި ޝަރަފު ހިފެހެއްޓުމަކީ ވެސް އެހާމެ މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަކީ މިނިވަން ޤައުމެއްކަމާއި ރާއްޖޭގެ ކަންތައްތައް ބައްޓަންކުރަންވާނީ، ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް، ދިވެހި ރައްޔިތުން އެދޭ އަދި ރައްޔިތުންނަށް ފައިދާހުރި ގޮތްތަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.