Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ފަނޑިޔާރު ދީދީގެ ތަހުގީގު މާދަމާ ދަރުބާރުގޭގައި

ފަނޑިޔާރު އަބްދުﷲ ދީދީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މާދަމާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުވާން އަންގައިފިއެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރު ދީދީގެ ތަހުގީގު މާދަމާ ހެނދުނު 10:00 ގައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި އާއްމުކޮށް ހުޅުވާލައިގެން އޮންނާނެ ކަމަށެވެ. އަދި ދީދީ އަށް މިހާރު ޗިޓު ހަވާލުކޮށްފައިވާ ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ޖޭއެސްސީގެ ތަހުގީގަށް ދީދީ ހާޒިރު ކުރުމުން އޭނާ ވަނީ މައްސަލަތަކުގެ ތަހުގީގު އާއްމުކޮށް ހުޅުވާލައިގެން ބޭއްވުމަށް އެދިފައެވެ. އެއާއެކު ޖޭއެސްސީގެ އިއްޔެގެ ބައްދަލުވުމުގައި ވަނީ ދީދީ އެދުނު ގޮތަށް ހުޅުވާލައިގެން މައްސަލަތަކުގެ ތަހުގީގު ކުރިއަށް ގެންދަން ނިންމާފައެވެ.

ފަނޑިޔާރު ދީދީއާ ގުޅޭގޮތުން ޖޭއެސްސީން ބަލަން ނިންމާފައިވަނީ އޭނާގެ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން އަންގާފައިވާތީ އެކަމުގައި ސުލޫކީ މައްސަލައެއް އޮތްތޯ ބެލުމަށާއި ޖޭއެސްސީން ފަނޑިޔާރު ދީދީ ސަސްޕެންޑްކޮށްފައި ވަނިކޮށް ރަސްމީ މަސައްކަތަށް ނިކުމެ ވަޑައިގަންނަވާތީ އެ މައްސަލައެވެ.

މީގެއިތުރުން ވެސް ދީދީއާ ގުޅުންހުރި އިތުރު ތިން މައްސަލައެއް ބަލަމުންދާކަން ޖޭއެސްސީން އިއްޔެ ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

ޖޭއެސްސީން ފަނޑިޔާރު ދީދީ ސަސްޕެންޑް ކޮށްފައިވާއިރު، ސުޕްރީމް ކޯޓުން ވަނީ އެ ކޮމިޝަނުގެ ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ވެސް ދާދިފަހުން އަމުރެއް ކޮށްފައެވެ. ނަމަވެސް އެ އަމުރަށް ގޮންޖަހައި ޖޭއެސްސީން ވަނީ އެ ނިންމުން ދަމަހައްޓާފައެވެ.