Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ސުޕްރީމް ކޯޓުން މަޖިލީހުގެ ބާރުތަކަށް އަރައި ނުގަތުމުގެ ގަރާރު ފާސްކޮށްފި

ސުޕްރީމް ކޯޓަށް ގާނޫނު އަސާސީން ލިބިދީފައިވާ ބާރުތަކުގެ އިމުން ބޭރުވެ ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރަކަށް އަރައިގެންފިނަމަ އެކޯޓާމެދު އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް މަޖިލީހުން އިގުރާރުވާ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ފަސްކުރަން އެ ކޯޓުން ކުރި އަމުރާ ހިލާފަށް ޖުޑީޝަލް ސާވިސް ކޮމިޝަނާއި، ރައްޔިތުންގެ މަޖިލީހާއި، މަޖިލީހުގެ އެއްވެސް ކޮމިޓީއަކުން ވެސް ނިންމާ ކޮންމެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން އަމުރުކޮށް އެކަން މަޖިލީހަށް އަންގާފައިވާ މައްސަލައާ ގުޅޭގޮތުން މިއަދު ބަހުސްކުރައްވަމުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އެވެ.

މި ގަރާރު ފާސްވީ މަޖިލީހުގެ 68 މެންބަރުންގެެ އިއްތިފާގުންނެވެ.

ހިސާން ހުށަހެޅުއުވި ގަރާރުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ އަމުރުގައި ޖޭއެސްސީގެ ނިންމުންތަކަށް ގޮތް ކަނޑައެޅުމުގެ ބާރު މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ލިބިގެން ނުވާނެ ކަމަށް ބުނެފައި އޮތުމަކީ މަޖިލީހުގެ ބާރުތަކާއި ރައްޔިތުންގެ ސީދާ ބާރު ހަނި ކުރުމުގެ އަމަލެއް ކަމަށެވެ.

އަދި އެ އަމުރުން ކޮށްފައިވާ ގައިދުތަކަށް ތަބާވުމަކީ މަޖިލީހަށް ގާނޫނު އަސާސީގެ ދަށުން ލިބިގެންވާ ބާރުތައް ދޫކޮށްލުން ކަމަށާއި އެ އަމުރަކީ އޭގެ ސަބަބުން ދައުލަތް ހިންގުމުގެ ނިޒާމް ބޮއްސުންލައި ގާނޫނު އަސާސީން ތަރުތީބުކޮށްފައިވާ އިންތިޒާމުތަކަށް ލޮޅުން އަރާ ގޮތަށް ނެރެފައިވާ ގާނޫނާ ހިލާފު އަމުރެއް ކަމަށްވެސް އެ ގަރާރުގައި ބުނެފައިވެއެވެ.

މީގެއިތުރުން މަޖިލީހުގެ މަސައްކަތަށް ނުފޫޒު ފޯރުވުމާއި މަޖިލީހުން ކޮށްފައިވާ މަސައްކަތެއްގެ ސައްހަކަން ބަލައި އެ ނިންމުމެއްގެ މައްޗަށް ބަސް ބުނުމަކީ އެއްވެސް މީހަކަށް ނުވަތަ މުއައްސަސާއަކަށް ވެސް ލިބިގެންވާ ބާރެއް ނޫންކަން އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

އަދި މިފަދަ އަމުރުތަކަކީ މަޖިލިސް ނުވަތަ މަޖިލީހުގެ އެއްވެސް މެމްބަރަކު ބަނދެވޭ އަމުރެއް ނޫންކަމަށާއި އެ އަމުރުތަކަކީ މަޖިލީހުގެ ބާރުތަކަށް އަރައި ގަނެވޭގޮތަށް، ޤާނޫނު އަސާސީއާއި ޚިލާފަށް ކޮށްފައި އޮތް ޣައިރު ޤާނޫނީ އަމުރެއްކަމަށް އިޤްރާރުވާކަމަށް މި ގަރާރުގައި ބުނެފައިވެ އެވެ.