Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

އޭސީސީގެ ރައީސްގެ މަގާމުން ލުތުފީ ވަކިކުރަން ހުށަހަޅައިފި

އޭސީސީގެ ރައީސް ހަސަން ލުތުފީ - ފޮޓޯ: އޭސީސީ

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް ހަސަން ލުތުފީ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

މި ހުށަހެޅުން ކޮމިޓީ އަށް ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ޝަފީގެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމެވެ.

މީގެއިތުރުން އެސީސީގެ މެމްބަރުންގެ ހާޒިރީ އާއި ސަމަރީ ރިޕޯޓު ކޮމިޓީ އަށް ހުށަހަޅަން، ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވަނީ ކޮމިޓީ އަށް މިއަދު ހާޒިރުކުރި އޭސީސީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ލުތުފީ މަގާމުން ވަކިކުރަން ކޮމިޓީ އަށް ހުށަހެޅިއިރު، ފާއިތުވި ދެ މަސްދުވަހު ވެސް އޭނާ މަސައްކަތަށް ނިކުންނަވާފައިނުވި ނަމަވެސް ގަވާއިދުން ލުތުފީ މުސާރަ ނަންގަވަމުންދާ ކަމަށް އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވަނީ ވިދާޅުވެފައެވެ.

ލުތުފީގެ ހަބަރެއް ކޮމިޝަނުގެ މެމްބަރުންނަށް ވެފައިނުވާއިރު އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ލޯންޑަރިން މައްސަލައެއް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.