Last Updated: April 25, 20:04
Thursday, April 25, 2024
ޚަބަރު

ރާއްޖެ ޓީވީ ބަންދުކުރަން ޔާމީން އެންގެވި ކަމުގެ ވާހަކަތަކެއް!

ކުރީގެ ރައީސް ޔާމީން، ފޮޓޯ: މިހާރު

ރާއްޖެ ޓީވީ ހަފްތާ އަކަށް ބަންދުކޮށްދޭން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެންނެވި ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރު އިސްމާއިލް ސޮފްވާން އޭނާގެ ގާތު ވިދާޅުވެފައިވާ ކަމަށް އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ބްރޯޑްކޮމްގެ މެމްބަރުން މިއަދު ހާޒިރުކޮށްފައިވާއިރު، އެ ކޮމިޓީގެ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަހީބު ވިދާޅުވީ އެއް ދުވަހެއްގެ ހެނދުނު 10 ޖަހާކަށް ހާއިރު އޮފީހުގައި އިންދާ ސޮފްވާންގެ ފޯނު ކޯލެއް ލިބުނު ކަމަށާއި އެގޮތުން ރައީސް އޮފީހުން ގުޅި ވާހަކަ އާއި އޭނާއާ ސޮފްވާންއާ ބައްދަލުކޮށްލަން ޔާމީން ބޭނުންވި ވާހަކަ ބުނި ކަމަށެވެ.

"ސޮފްވާން ވިދާޅުވީ ތިމަންނާ މިހުރީ ހުޅުމާލޭގައޭ، ހިނގާށޭ ދެ މީހުން ދާން. އަޅުގަނޑު ދެންނެވިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޮމިޝަނުގެ ރައީސްއާ ބައްދަލުކުރައްވަން ބޭނުންފުޅުވެއްޖެއްޔާ އެތަނުން ގުޅާނެއޭ. އެތަނުގެ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއޭ އަޅުގަނޑުގެ ނަމްބަރު ވެސް. އެހެންވީމަ އަޅުގަނޑަކަށް ތިގޮތެއް ގަބޫލެއް ނުކުރެވެއޭ" ޝަހީބު ވިދާޅުވިއެވެ.

ރައީސް އޮފީހުގައި އޮންނަ ޕްރޮޓޮކޯލްގެ ތެރެއިން ގުޅުމުން ދާނެ ވާހަކަ އާއި އަދި ސޮފްވާން ގޮވައިގެން ރައީސް އޮފީހަށް ނުދާނެ ވާހަކަ ވެސް ސޮފްވާނަށް އަންގާފައިވާނެކަން ވެސް ޝަހީބު ފާހަގަކުރެއްވިއެވެ.

"އެދުވަހުގެ 12 ޖަހާކަށް ހާއިރު ގުޅާލާފައި (ސޮފްވާން) ދެންނެވީ، ތިމަންނަ މިހުރީ ރައީސް އޮފީސް ތެރޭ ތާށިވެފައޭ. ވަރަށް މުހިއްމު މެސެޖެއް އެބައޮތޭ، ރައީސް ދެއްވި މެސެޖެއް. އެހެންވީމަ ޖައްސާލަ ދީބަލާށޭ ރައީސް އޮފީސް ކައިރިއަށް. އަޅުގަނޑު ދެންނެވިން ނުދާނަމޭ ރައީސް އޮފީސް ކައިރިއަށް ތި މެސެޖު ބަލާ. ދެން އަޅުގަނޑު ގޮސް ސިޓީ ގާޑެން ކައިރިއަށް މަޑުކޮށްލީމަ ސޮފްވާން ވަޑައިގެން ވިދާޅުވީ ރައީސް ވިދާޅުވިއޭ ރާއްޖެ ޓީވީ ބަންދުކޮށްދޭށޭ ހަފްތާ އަކަށް" ޝަހީބު ވިދާޅުވިއެވެ.

ސޮފްވާން އެހެން ވިދާޅުވުމުން އެފަދަ ކަމެއް އޭނާއަށް އެކަނި ނުނިންމޭނެ ކަމާއި އެކަމާ ގުޅޭގޮތުން ކޮމިޝަނުގައި މަޝްވަރާ ކުރަންޖެހޭނެ ކަމަށް ދެންނެވި ކަމަށްވެސް ޝަހީބު ވިދާޅުވިއެވެ. އަދި ކޮމިޝަނުގެ ބައްދަލުވުމެއް އިންތިޒާމުކޮށްދޭނެ ކަމަށާއި މެމްބަރުން މަޝްވަރާކުރުމަށްފަހު އެކަމާ މެދު ގޮތެއް ނިންމުމަށް ދެންނެވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝަހީބު ވިދާޅުވީ އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި އޭނާ ބައިވެރިއެއް ނުވެއެވެ. އަދި އެ ބައްދަލުވުމުގައި ނިންމީ ރާއްޖެ ޓީވީ ބަންދުކޮށްދޭން އެމްއެންޑީއެފަށް ސިޓީއެއް ފޮނުވުމަށް ކަމަށްވެސް ޝަހީބު ވިދާޅުވިއެވެ.

މިކަންކަން ހިނގާފައިވަނީ މިދިޔަ އަހަރުގެ އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ދަނޑިވަޅުގައި ކަމަށް ޝަހީބު ވިދާޅުވިއެވެ.