Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ފަނޑިޔާރު ދީދީގެ މައްޗަށް ހިންގާ ތަހުގީގު ލައިވްކޮށް ދައްކަނީ

އަލްއުސްތާޛު ޢަބްދުﷲ ދީދީ - ފޮޓޯ: އަވަސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މާދަމާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުކޮށްގެން ކުރިއަށް ގެންދާ ތަހުގީގު ލައިވްކޮށް ދައްކާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ފަނޑިޔާރު ދީދީގެ މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އާއްމުކޮށް ހުޅުވާލައިގެންނެވެ. އެހެންކަމުން އެ މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މާދަމާ ދަރުބާރުގޭގައެވެ. ބައްދަލުވުން އޮންނާނީ މާދަމާ ހެނދުނު 10:00ގަައި ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައެވެ.

ޖޭއެސްސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ދަރުބާރުގޭގައި ޖާގަ އޮތް މިންވަރަކުން އާންމުންނަށާއި މީޑިއާ އަށް އެތަނަށް ވަދެވޭނެ ކަމަށެވެ. އެ ތަހުގީގު ލައިވްކޮށް ޓީވީން ދެއްކުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ޕީއެސްއެމުން އެކަމުގެ ހުއްދައަށް އެދިފައިވާތީ އެ ފުރުސަތު ދީފައިވާ ކަމަށް ޒަހީން ވިދާޅުވި އެވެ. އަދި އެ ފުރުޞަތަށް މިހާތަނަށް އެދިފައިވަނީ ދަޢުލަތުގެ މީޑިއާ ޕީއެސްއެމްއިން އެކަނި ކަމަށް ޒަހީން ވިދާޅުވިއެވެ.

މިއީ ފަނޑިޔާރެއްގެ މައްޗަށް ހިންގާ ތަހުގީގެއް އާންމުކޮށް ހުޅުވާލައިގެން ގެންދާ ފުރަތަމަ ފަހަރެވެ. ޒަހީން ވިދާޅުވީ ޢާއްމުކޮށް ހުޅުވާލައިގެން ތަހުގީގު ކުރިއަށް ގެންދިޔަ ކަމުގައިވިއަސް ތަހުގީގު ކުރިއަށްދާ މާލަމުގައި ހިފަހައްޓަންޖެހޭ އުޞޫލުތަކެއް ހުންނާނެ ކަމަށެވެ. އެހެންކަމުން އެ އުޞޫލުތައް ހުރިހާ ފަރާތްތަކުންވެސް ހިފަހައްޓަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އުޞޫލާއި ޚިލާފުވާ ފަރާތްތަކާއި މެދު ފިިޔަވަޅު އަޅާނެ ކަމަށްވެސް ޒަހީން ވިދާޅުވިއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ޖޭއެސްސީގެ ތަހުގީގަށް ދީދީ ހާޒިރު ކުރުމުން އޭނާ ވަނީ މައްސަލަތަކުގެ ތަހުގީގު އާއްމުކޮށް ހުޅުވާލައިގެން ބޭއްވުމަށް އެދިފައެވެ. އެއާއެކު ޖޭއެސްސީގެ އިއްޔެގެ ބައްދަލުވުމުގައި ވަނީ ދީދީ އެދުނު ގޮތަށް ހުޅުވާލައިގެން މައްސަލަތަކުގެ ތަހުގީގު ކުރިއަށް ގެންދަން ނިންމާފައެވެ.

ފަނޑިޔާރު ދީދީއާ ގުޅޭގޮތުން ޖޭއެސްސީން ބަލަން ނިންމާފައިވަނީ އޭނާގެ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން އަންގާފައިވާތީ އެކަމުގައި ސުލޫކީ މައްސަލައެއް އޮތްތޯ ބެލުމަށާއި ޖޭއެސްސީން ފަނޑިޔާރު ދީދީ ސަސްޕެންޑްކޮށްފައި ވަނިކޮށް ރަސްމީ މަސައްކަތަށް ނިކުމެ ވަޑައިގަންނަވާތީ އެ މައްސަލައެވެ.

މީގެއިތުރުން ވެސް ދީދީއާ ގުޅުންހުރި އިތުރު ތިން މައްސަލައެއް ބަލަމުންދާކަން ޖޭއެސްސީން އިއްޔެ ވަނީ ހާމަކޮށްފައެވެ.