Last Updated: March 28, 21:43
Thursday, March 28, 2024
ޚަބަރު

ދީދީގެ ތަހުގީގު ދަރުބާރުގޭގައި ފަށައިފި

ފަނޑިޔާރު ދީދީ -- ފޮޓޯ /އަވަސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ކުރަމުންދާ ތަހުގީގު ދަރުބާރުގޭގައި ފަށައިފިއެވެ.

މި ތަހުގީގު ކުރިއަށް ގެންދަނީ އާއްމުންނަށް ވެސް ހުޅުވާލައިގެން، އަދި ޓީވީތަކުން ވެސް ލައިވްކޮށް ދުރަށް ދައްކައިގެންނެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ޖޭއެސްސީގެ ތަހުގީގަށް ދީދީ ހާޒިރު ކުރުމުން އޭނާ ވަނީ މައްސަލަތަކުގެ ތަހުގީގު އާއްމުކޮށް ހުޅުވާލައިގެން ބޭއްވުމަށް އެދިފައެވެ. އެއާއެކު ޖޭއެސްސީގެ އިއްޔެގެ ބައްދަލުވުމުގައި ވަނީ ދީދީ އެދުނު ގޮތަށް ހުޅުވާލައިގެން މައްސަލަތަކުގެ ތަހުގީގު ކުރިއަށް ގެންދަން ނިންމާފައެވެ.

ފަނޑިޔާރު ދީދީއާ ގުޅޭގޮތުން ޖޭއެސްސީން ބަލަން ނިންމާފައިވަނީ އޭނާގެ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން އަންގާފައިވާތީ އެކަމުގައި ސުލޫކީ މައްސަލައެއް އޮތްތޯ ބެލުމަށާއި ޖޭއެސްސީން ފަނޑިޔާރު ދީދީ ސަސްޕެންޑްކޮށްފައި ވަނިކޮށް ރަސްމީ މަސައްކަތަށް ނިކުމެ ވަޑައިގަންނަވާތީ އެ މައްސަލައެވެ.

މީގެއިތުރުން ވެސް ދީދީއާ ގުޅުންހުރި އިތުރު ތިން މައްސަލައެއް ބަލަމުންދާކަން ޖޭއެސްސީން އިއްޔެ ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

ޖޭއެސްސީން ފަނޑިޔާރު ދީދީ ސަސްޕެންޑް ކޮށްފައިވާއިރު، ސުޕްރީމް ކޯޓުން ވަނީ އެ ކޮމިޝަނުގެ ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ވެސް ދާދިފަހުން އަމުރެއް ކޮށްފައެވެ. ނަމަވެސް އެ އަމުރަށް ގޮންޖަހައި ޖޭއެސްސީން ވަނީ އެ ނިންމުން ދަމަހައްޓާފައެވެ.