Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ދީދީއަށް އެމްއެމްޕީއާރްސީގެ ފައިސާތަކެއް ލިބުނުކަމުގެ ތުހުމަތުތަކެއް!

ފަނޑިޔާރު ދީދީ -- ފޮޓޯ /އަވަސް

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ފަނޑިޔާރު އަބްދުﷲ ދީދީއަށް ލިބިފައިވާކަމަށް ފުލުހުން ކުރަމުންދާ ތަހުގީގަށް ރިއާޔަށްކޮށް ޖޭއެސްސީއިން ތުހުމަތުކޮށްފިއެވެ.

ދަރުބާރުގޭގައި މިއަދު އާންމުކޮށް ހުޅުވާލައިގެން ބާއްވާ ޖޭއެސްސީގެ ތަހުގީގު ބައްދަލުވުމުގައި ޖޭއެސްސީގެ މެމްބަރުންވަނީ ފަނޑިޔާރު ދީދީއަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ފުލުހުން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގެ ފައިސާ ލިބުނު މީހުންގެ އަތުން ފަނޑިޔާރު ދީދީ ފައިސާ ހޯއްދެވި ކަމަށް ތުހުމަތުކުރާ މައްސަލައާއި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ފަނޑިޔާރު ދީދީ ނާޖާއިޒު މަންފާ ހޯދަން މަސައްކަތްކުރެއްވި ކަމަށް ތުހުމަތުކުރާ މައްސަލަ ހިމެނޭ ކަމަށް ވިދާޅުވެފައެވެ.

ފަނޑިޔާރު ދީދީއަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ފޯރުކޮށްދިންކަމަށް، އެމްއެމްޕީއާރުސީގެ ތަހްޤީގަށް ބަޔާންދިން އަދި މިމައްސަލައިގެ ތުހުމަތުކުރެވޭ މީހަކު ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައިވާކަން ޖޭއެސްސީން ވަނީ ހާމަކޮށްފައެވެ.

ނަމަވެސް ފުލުހުންނަށް ބަޔާންދިން މީހާގެ މަޢުލޫމާތު ޖޭއެސްސީއިން ހާމަކޮށްފައެއް ނުވެއެވެ. ޖޭއެސްސީއިން ވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހަކު ފަނޑިޔާރު ދީދީ އަށް ފައިސާއާއި އެކިއެކި އިނާޔަތާއި އެހީތައް ދީގެން ޝަރީޢަތާއި ޢަދުލުއިންސާފަށް ނުފޫޒުފޯރުވާފައިވާކަމަށް ހާމަކޮށްފައެވެ.

ވަކި ގޮތަކަށް ބައެއް މީހުންގެމައްޗަށް ހުކުމް ކުރުމަށް ޝަރުޠުކޮށް ފައިސާއާއި ސިޔާސީ އެކިއެކި މަންފާތައް ފަނޑިޔާރު ދީދީއަށް "ތުހުމަތްކުރެވޭ ފަރާތް 1" ގެ ނަމުގައި ފުލުހުން ހާމަކުރައްވާފައިވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގެ ތުހުމަތުކުރެވޭ ފަރާތް ފޯރުކޮށްދީފައިވަކަން ފުލުހުންނާ ޙަވާލާދީ ޖޭއެސްސީންވަނީ ހާމަކުރައްވާފައެވެ.

މީގެއިތުރުން ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟުވާން ގެއްލުވާލި މައްސަލާގެ ތުހުމަތުކުރެވޭ މީހަކު ބަންދުން ދޫކޮށްލުމަށް ފަނޑިޔާރު ދީދީ މީހަކާ މުޢާމަލާތްކޮށްފައިވާކަން "ތުހުމަތްކުރެވޭ ފަރާތް 1" ގެ ފޯނުން ފުލުހުން ހޯދި ފޮރެންސިކް ހެކިން ހާމަވެފައިވާކަންވެސް ފުލުހުންނާ ޙަވާލާދެއްވައި ޖޭއެސްއެސްސީން ހާމަކުރައްވާފައެވެ.

ފަނޑިޔާރު ދީދީއާ ގުޅޭގޮތުން ޖޭއެސްސީން ކުރިއަށްގެންދާ ތަހްޤީޤަކީ ޤާނޫނުއަސާސީއާ ފަނޑިޔާރުންގެ ޤާނޫނާ ޚިލާފަށް ހިންގާ ތަހުގީގެއް ކަމަށާ، މިތަހްޤިޤުގައި ފަނޑިޔާރު ދީދީއަށް މިހާތަނަށް އެކަށީގެންވާ ވަގުތު ދީފައި ނުވާކަމަށާއި، ބޭނުންވާ ބައެއް ލިޔުންތައްވެސް ފަނޑިޔާރު ދީދީއަށް ޖޭއެސްސީން ފޯރުކޮށްނުދޭކަމަށް އޭނާގެ ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ.

ފަނޑިޔާރު ދީދީ ސަސްޕެންޑްކުރުމާ ބެހޭގޮތުން ވަކީލުންގެޓީމުން ގިނަ ވާހަކަތައް ދައްކަން ފެށުމުން ޖޭއެސްސީންވަނީ އެކަންކުރީ ޖޭއެސްސީގެ ޤާނޫނާއި ޤަވާއިދުގެތެރެއިންކަމަށް އަދި މިއަދު މިކުރިއަށް ގެންދަނީ ސަސްޕެންޑްކުރި މައްސަލައައާ ގުޅޭ ކަމެއް ނޫންކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.