Last Updated: April 20, 11:14
Saturday, April 20, 2024
ޚަބަރު

ރިޝްވަތުގެ އެއްވެސް އަމަލެއްގައި ބައިވެރިއެއް ނުވަން: ދީދީ

އަލްއުސްތާޛު ޢަބްދުﷲ ދީދީ - ފޮޓޯ: އަވަސް

ރިޝްވަތުގެ އެއްވެސް އަމަލެއްގައި ބައިވެރިވެފައި ނުވާނެ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ފައިސާ ދީދީ އަށް ލިބުނު ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަމުންދާތީ އެކަމުގައި ދީދީގެ ސުލޫކީ މައްސަލައެއް ހިމެނޭތޯ ބެލުމަށް ޖޭއެސްސީން ދަރުބާރުގޭގައި ކުރިއަށްގެންދާ ތަހުގީގުގައި ވާހަކަދައްކަވަމުން ދީދީ ވިދާޅުވީ ފަނޑިޔާރު ކަމުގައި މިހާތަނަށް ހޭދަކުރި މުއްދަތުގައި މީހެއްގެ އަތުން ރިޝްވަތު ނަގައި އެފަދަ އެއްވެސް އަމަލެއްގައި ބައިވެރިވެފައި ނޯންނާނެ ކަމަށެވެ.

"މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މީހެއްގެ އަތުން ފައިސާ ނަގައި، ރިޝްވަތުގެ އަމަލެއް ހިންގާ މިކަހަލަ ކަމެއް ކޮށްފައެއް ނޯންނާނެ. ވަރަށް އިހުލާސްތެރިކަމާއެކު މި ދަންނަވަނީ" ދީދީ ވިދާޅުވިއެވެ.

އޭނާގެ މައްސަލައެއް ނުބަލާ ކަމަށް މި މަހުގެ 10 ގައި ފުލުހުން ލިޔުން ދީފައިވާ ކަމަށާއި އެހެންވެ އޭގެ ފަހުން މައްސަލައެއް ހުށަހަޅައި ފުލުހުން ޖިނާއީ ތަހުގީގެއް ފެށީތޯ އެނގެން ބޭނުންވާ ކަމަށް ތަކުރާރުކޮށް މިއަދުގެ ބައްދަލުވުމުގައި ދީދީ ވަނީ ޖޭއެސްސީގެ ތަހުގީގު ކޮމިޓީގެ މެމްބަރުންނާ ސުވާލުކުރައްވާފައެވެ.

އަދި އޭނާއާ ދެކޮޅަށް ފުލުހުން ހޯދައިގެން އުޅޭ ހެކިތައް އެއީ އުސޫލުތަކުގެ ތެރެއިން ހޯދި ހެކިތަކެއްތޯ ބަލަން ބޭނުންވާ ކަމަށާއި އެ ކަންކަމަށް ޖަވާބުދާރީވާން ވަގުތު ދެއްވުމަށް ވެސް ދީދީ ވަނީ އެދިވަޑައިގެންފައެވެ.

"އަޅުގަނޑު މި ދަންނަވަނީ މިހާރު ވެސް، އިއްޔާ ހަމައަށް ވެސް، މިއަދު މި ގަޑިޔާ ހަމަޔަށް ވެސް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނަނީ އަޅުގަނޑުގެ މައްޗަށް ޖިނާއީ މައްސަލައެއް ހުށަހެޅި ތަހުގީގު ކުރަމުން ނުދަމޭ ތިމަންނަމެން. ތި ވިދާޅުވަނީ އެމްއެމްޕީއާރްސީ މައްސަލައެއްގެ ތެރެއިން ފެންމަތިވި ވާހަކަތަކެއްގެ ވާހަކަ. އެ ވާހަކަތައް އަޅުގަނޑުމެން އެބަޖެހޭ ބަލަން. ވަކީލުން ވެސް އެ ވިދާޅުވަނީ އެ ވާހަކަ. ބަލާފައި އެއްޗެއް ދަންނަވާނަމޭ. މި ދަންނަވަނީ ނުހުންނާނެ އެފަދަ އަމަލެއް ކޮށްފައެއް" ދީދީ ވިދާޅުވިއެވެ.

ދީދީ އާއި އޭނާގެ ވަކީލުން އެކަމަށް އެދިވަޑައިގަތުމުން ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ވަނީ ތުހުމަތުތަކަށް ޖަވާބު ދާރީވުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައެވެ.