Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ޖަވާބުދާރީވުމަށް ފަނޑިޔާރު ދީދީއަށް ފަސް ދުވަސް

ފަނޑިޔާރު ޢަބްދުﷲ ދީދީ (މ) އަދި ސުޕްރީމް ކޯޓުގެ އިތުރު ފަނޑިޔާރުންތަކެއް -- ފޮޓޯ / މިހާރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީއަށް ކުރެވެމުންދާ ތުހުމަތުތަކަށް ޖަވާބުދާރީވުމަށް ފަސް ދުވަހުގެ މުހުލަތެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ދީފިއެވެ.

އާންމުންނަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ އެ ސުލޫކީ މައްސަލާގައި މިއަދުގެ އަޑުއެހުން ނިންމާލަމުން ޖޭއެސްސީން ވަނީ އެއީ ހުށަހަޅާފައިވާ ޑޮކިއުމަންޓުތަކަށާއި ލިޔުންތަކަށް ޖަވާބެއް ދިނުމަށް ފަސް ދުވަހެއްގެ މުއްދަތެއް ދެއްވާނެ ބުނެފައެވެ.

އެ ލިޔުމަށް ރިއާޔަތްކޮށް އިތުރު އަޑު އެހުމެއް ބާއްވަން ފެންނަ ކަމަށް ކޮމިޝަނަށް ފެނިއްޖެ ނަމަ އިތުރު އަޑު އެހުމެއް ވެސް ބާއްވާނެ ކަމަށް ކޮމިޓީން ބުންޏެވެ. އަދި ޑޮކިއުމަންޓުތަކުގެ ސާފު ކޮޕީއެއް ވެސް ދެއްވާނެ ކަމަށް ކޮމިޓީއިން ބުންޏެވެ.

މިގޮތަށް ފަސް ދުވަސް ދިނުމަށް ޖޭއެސްސީން މައްސަލަ ބަލާ ކޮމެޓީން ނިންމީ ތުހުމަތު ކުރެވޭ މައްސަލަތަކަށް ޖަވާބުދާރީވުމަށް މަދުވެގެން އެއް ދުވަސް ދިނުމަށް ވަކީލުންގެ ފަރާތުން އެދިވަދައިގަތުމުންނެވެ. އަދި ފަނޑިޔާރު ދީދީ ވެސް ފަހު ފުރުސަތުގައި ފާހަގަ ކުރެއްވީ މުޅި މައްސަލާގެ ތަހުގީގު ކުރިޔަށް ދިޔަ އިރު ވެސް ހުރިހާ ވާހަކަތަކެއް ދެއްކެވީ ކޮމިޓީއިން ކަމަށާއި ތުހުމަތުވާ ފަރާތަށް ވާހަކަދައްކަން އެއްވެސް ފުރުސަތެއް ނުދޭ ކަމަށެވެ.

މިއަދުގެ މައްސަލާގައި ވާހަަކަފުޅުދައްކަވަމުން ޖޭއެސްސީގެ މައްސަލަ ބަލާ ކޮމެޓީގައި އިންނަވާ ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވީ ރިޝްވަތެއް ބަލައިގަނެގެން ނުވާނެ ކަމަށާއި އެފަދަ ކަމެއް ކުރާ ކަމަށް ވާނަމަ ހުއްޓުވާން ވާނެ ކަމަށް ސުލޫކީ މިންގަނޑުގައި ބުނެފައިވާ ކަމަށެވެ.

ނަމަވެސް ޑޮކިއުމަންޓުތަކުގައިވާ ގޮތުން އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްތެރިވި މީހަކަށް ރާއްޖެއިން ބޭރަށް ދިޔުމަށް ޑޮލަރު ހޯދަން ފަނޑިޔާރު ދީދީ މެސެޖުކޮށްފައިވާ ކަމަށް ފުލުހުން ކުރަމުންދާ ތަހުގީގުން ފާހަގަކުރެވިފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ. ތިން މެސެޖެއް ފޮނުވާފައިވާއިރު ފުރަތަމަ މެސެޖުގައި އޮންނަނީ "ބްރޯ އަޅުގަނޑު މި ފުރަނީ ޑޮލަރުކޮޅެއް ބޭނުން" ދެވަނަ މެސެޖުގައި އޮންނަނީ "ވެން" ތިން ވަނަ މެސެޖުގައި އޮންނަނީ "މަންޑޭ" މިހެނެވެ. އެހެންކަމުން ޖޭއެސްސީން ވަނީ ސިޔާސީ އެއްވެސް ފަރާތަކުން ފައިސާ ނަގާފައި ވާނެތޯ ފަނޑިޔާރު ދީދީގެ އަރިހުން ސުވާލު ކުރައްވާފައެވެ.

މިއަދުގެ ބައްދަލުވުމުގައި ޖޭއެސްސީން ކުރިމަތިކުރިވި ސުވާލުތަކަށް ދީދީގެ ފަރާތުން އެކަށީގެންވާ ޖަވާބެއް ދީފައެއްނުވެއެވެ. އަދި މި މައްސަލަ މިހެން އޮވެމެ، ކޮމެޓީގެ ބައްދަލުވުންވެސް ހޫނުވެ ދެފަރާތުގެ ދެމެދުގައި ބަހުގެ ހަމަލާތަކެއް ދިޔައީ ރައްދު ކުރަމުންނެވެ. ޚާއްސަ ގޮތެއްގައި ފަނޑިޔާރު ޢަބްދުﷲ ދީދީގެ ވަކީލުންގެ ޓީމުގެ ފަރާތުންނެވެ.

މި ބައްދަލުވުމުގައި ފަނޑިޔާރު ދީދީގެ ފަރާތުން ވިދާޅުވަނީ ރައީސް ނަޝީދު މައްސަލައެއް ޖޭއެސްސީއިން ހުށާހަޅައިގެން ބަލާއިރު އެމަނިކުފާނުގެ ތިން ވަކީލުން ޖޭއެސްސީގެ ފަރާތުން އިންނެވުމަކީ އެއީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ފާހަގަކޮށްފަ އެވެ. އެހެންކަމުން އެ މީހުން ތަނާޒިލު ވާން ޖެހޭ ކަމާއި އެކަން ނުވާނަމަ އިސްތިއުފާ ދެއްވުމަށް ވެސް ވަނީ ގޮވާލައިފަ އެވެ. ނަމަވެސް ތަކުރާރުކޮށް ޖޭއެސްސީގެ ކޮމެޓީގައި އިންނަވާ ބޭފުޅުން ވިދާޅުވީ މިއަދުގެ ކުރިއަށް ދަނީ ފުލުހުން ތަހުގީގުުކުރާ މައްސަލައަކާއި ގުޅޭ މައްސަލައެއް ކަމަށެވެ.