Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

ނަސަންދުރާގެ ޚިޔާނާތް 86 މިލިއަނުގައި، އެވަރުންވެސް ދަޢުވާއެއް ނުކުރޭ!

ނަސަންދުރަ ޕެލަސް ހޮޓެލް ---

ނަސަންދުރާ ޕެލަސް ހޮޓެލް ތަރައްޤީ ކުރުމަށް ކޮށްފައިވާ އެއްބަސްވުން އުވާލައި އެތަން މިހާރު ތަރައްގީ ކުރާ ކުންފުންޏަށް ހަވާލުކުރި ކުރުމުގައި ތުހުމަތުކުރެވޭ ޚިޔާނާތުގެ އަގު 86 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަނޑައަޅައި އެކަމުގައި ދަޢުވާ ކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ފޮނުވުމުން އެމައްސަލާގައި ދަޢުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމީ އެކަން އެގޮތަށް ކުރުމަށް ކުރީގެ ބަންޑާރަ ނާއިބު ލަފާ ދެއްވާފައިވާތީކަން "އައްޑޫލައިވް"އަށް އެނގިއްޖެއެވެ.

އެކަމުގައި ކުރީގެ ބަންޑާރަ ނާއިބު ސޮއިކޮށް ޓޫރިޒަމް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާކަން "އައްޑޫލައިވް"އަށް ވަނީ އެނގިފައެވެ. އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވީ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބެވެ.

އޭސީސީގެ ނާއިބު ރައީސް މުޢައްވިޒު ރަޝީދު މިއަދު ވިދާޅުވީ އެމައްސަލާގައި ކޮރަޕްޝަނުގެ ޢަމަލު އެކުލެވިގެންވާ ކަމަށް ފެންނާތީ އެ މައްސަލާގައި ދަޢުވާ ކޮށްދިނުމަށް ޕީޖީއަށް ހުށަހެޅި ކަމަށެވެ. ނަމަވެސް އެ މައްސަލާގައި ދަޢުވާ ކުރެވެން ނެތް ކަމަށް ޕީޖީން ބުނެފައިވާ ކަމަށާއި އެކަން އެގޮތަށް ކުރީ ކުރިން ބުނި ސިޓީއާ ގުޅިގެންނެވެ.

މި މައްސަލައިގެ ތަފްޞީލީ މަޢުލޫމާތުތަކެއް އޭސީސީގެ 2018ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އޭގައި ބުނެފައިވާ ގޮތުގައި ނަސަންދުރަ ޕެލަސް ހޮޓަލް ތަރައްޤީ ކުރުމަށް ހަވާލުކޮށްފައިވާ ކުންފުންޏާއިއެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ބަދަލުގައި "ޓޫރިސްޓު ރިސޯޓު ކުއްޔަށް ދީފައިވާ މުއްދަތު އިތުރު ކުރުމަށް ފީނެގުމާއި ބެހޭ ގަވާއިދާއި" އެއްގޮތަށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރިނަމަ ދައުލަތަށް 4.8 މިލިއަން ޑޮލަރު ލިބޭނެކަން ތަޙްޤީޤަށް ފާހަގަކުރެވޭ ކަމަށެވެ.

ސަރުކާރުގެ ވިސްނުމަކީ ސަރުކާރުގެ ސިޔާސަތުގެ ދަށުން ކޮންވެންޝަން ފެސިލިޓީތަކާއެކު މިހާރު ނަސަންދުރަ ޕެލަސް ހޮޓަލް ހުރި ބިމާއި، ކުރީގެ އައިލެންޑް އޭވިއޭޝަންގެ އޮފީސް ހުރި ބިން ހިމެނޭ ގޮތަށް ހޮޓަލެއް ތަރައްޤީކުރުމަށްޓަކައި ސަރުކާރުން ބާއްވާ ބޮޑެތި ހަފްލާތަކާއި އިވެންޓްތައް ބޭއްވޭނެ ގޮތަކަށް ނަސަންދުރަ ޕެލަސް ހޮޓެލް ހުރި ބިން ތަރައްޤީކުރުންކަމަށް ވީހިނދު، އެދެބިން އެއްކޮށްލައި ބީލަމުގެ އުޞޫލުން އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދައިގެން ކުރިޔަށްގެންދިޔަނަމަ، އެ ޕްރޮޖެކްޓުން ދައުލަތަށް ލިބޭ ފައިދާ ބޮޑުވާނެ ކަމަށްވެސް އޭސީސީގެ ރިޕޯޓުގައި ވަނީ ފާހަގަކުރައްވާފައެވެ.

އޭސީސީން ވަނީ މި މައްސަލާގައި ކޮރަޕްޝަނުގެ ޢަމަލެއް ހިންގާފައިވާކަން، ސާބިތުވާމިންވަރަށް ހެއްކާއި ގަރީނާއި އެއްކޮށްފައެވެ.

އޭސީސީން ބުނީ އޭރުގެ ޓޫރިޒަމް މިނިސްޓްރީއާ އެމްއެމްޕީއާރްސީއާ ދެމެދު ނަސަންދުރަ ޕެލަސް ހޮޓަލް ރީޑިވެލޮޕްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު އެ އެއްބަސްވުމުގައި ސޮއިކުރިދުވަހު، ކުރިން އެ ހޮޓާ ހިންގަމުން ގެންގޮސްފައިވާ ކުންފުންޏަށް އެ ބިމުގެ ލީސްހޯލްޑް ރައިޓްސް އެމްއެމްޕީއާރްސީން ވިއްކާލާފައިވާކަން އެ ކޯޕަރޭޝަނާއި އެކުންފުންޏާ ދެމެދު ސޮއިކޮށްފައިވާ "ޑީޑް އޮފް އެސައިމަންޓް" އިން އެނގެން އޮތް ކަމަށެވެ. އަދި އެމްއެމްޕީއާރްސީން އެކުންފުނިން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެއްވެސް ފައިސާއެއް ނަގާފައިނުވާކަން އެނގެން އޮތަތީއާއި އެކަމުގެ ސަބަބުން ދައުލަތަށް އަށްލައްކަ ޑޮލަރުގެ ގެއްލުމެއް ލިބިފައިވާކަން އެނގެން އޮތް ކަމަށްވެސް އޭސީސީން ބުނެއެވެ.

އޭރު އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތް ހިންގުމުގައި އަމަލީ ގޮތުން އިސްކޮށް އުޅުއްވި އަބްދުﷲ ޒިޔަތެވެ.

މި މައްސަލައާ ގުޅިގެން އިއްޔެ ބޭއްވި މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގައި އޭސީސީގެ ނާއިބު ރައީސް ވަނީ ވާހަކަފުޅުދައްކަވާފައެވެ. މާ ބޮޑު ތަފްޞީލެއް ނުދެއްވި ނަމަވެސް މުޢައްވިޒު ވަނީ ޖީން ދައުވާ ނުކޮށް އަނބުރާ ފޮނުވާލި މައްސަލަތަކުގެ ތެރޭގައި ނަސަންދުރާ މައްސަލަ ހިމެނުމަކީ މެމްބަރުންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށް ވިދާޅުވެފައެވެ.