Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މުއިއްޒު ގަތް ފްލެޓުތަކެއްގެ މައްސަލާގައި އޭސީސީން އެޗްޑީސީއަށް ވަދެއްޖެ

މާލޭ ސިޓީގެ މޭޔަރު ޑރ. މުއިއްޒު، ފޮޓޯ: އަވަސް

ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ހުޅުމާލެއިން ރޯހައުސްތަކެއް ގަތް މައްސަލާގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ވަދެއްޖެއެވެ.

އައްޑޫލައިވްއަށް އެނގިފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން އޭސީސީން އެޗްޑީސީއަށް ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އަދި އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކާއި ގުޅުންހުރި ލިޔެކިއުންތައް ގެންދިޔަ ކަމަށްވެސް ވެއެވެ. ނަމަވެސް މިހާތަނަށް މިކަމާއި ގުޅޭގޮތުން މި ދެ އިދާރާއިން މީޑިއާގައި ވާހަކަދައްކާފައެއް ނުވެއެވެ.

މިނިސްޓަރު މުޢިއްޒު ހުޅުމާލެއިން ރޯހައުސެއް ބައްލަވައިގެން ކަމުގެ އަޑުތަކެއް 2017ވަނަ އަހަރު މީޑިއާތަކުގައި ދެކެވިގެންދިޔައެވެ. މީޑިއާތަކުގައި އޭރު ރިޕޯޓު ކޮށްފައިވާ ގޮތުގައި މުއިއްޒު ބައްލަވައިގަތީ 3،388 އަކަފޫޓްގެ ރޯ ހައުސްއެކެވެ.

އެ ރޯހައުސަކީ ރައީސް ޔާމީންގެ ސަރުކާރުުގައި ހުޅުމާލޭގައި ތަރައްޤީކުރި ރޯހައުސެކެވެ. އެ ރޯހައުސް މުއިއްޒު ބައްލަވައިގަތީ 5.9 މިލިއަން ރުފިޔާ އެޗްޑީސީއަށް ދެއްކެވުމަށް ފަހު އެވެ. އަދި އެ މުޢާމަލާތް ސައްޙަ ކަމަށް ހުޅުމާލެ ސިވިލް ކޯޓު ޑިވިޝަނުން އޭރު ވަނީ ނިންމާފައިވާ ކަމަށްވެސް މީޑިއާތަކުގައި އޭރު ވަނީ ރިޕޯޓު ކޮށްފައެވެ.

ކުރީގެ ސަރުކާރުގެ އިސްވެރިންނާއި ގުޅޭ ކޮރަޕްޝަންގެ އެތައް މައްސަލައެއް ކަމާގުޅުންހުރި އިދާރާތަކުން އަންނަނީ ބަލަމުންނެވެ.