Last Updated: April 25, 11:25
Thursday, April 25, 2024
ކުޅިވަރު

ބޮޑު މޮޅަކާއެކު ބްރެޒިލް ކުއާޓާ އަށް

ޕެރޫގެ މައްޗަށް 5-0 އިން ކުރި ހޯދާ، ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއާޓާފައިނަލަށް ބްރެޒިލް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ކުއާޓާ އަށް ބްރެޒިލް ދަތުރުކުރީ ހަތް ޕޮއިންޓާ އެކު ގްރޫޕް އޭގެ އެއްވަނަ ހޯދައިގެންނެވެ. ފަސް ޕޮއިންޓާ އެކު ގްރޫޕްގެ ދެވަނަ ހޯދައިގެން މުބާރާތުގެ ކުއާޓާ އަށް ދެން ދަތުރުކުރީ ވެނެޒުއެލާއެވެ.

ބްރެޒިލްގެ ފަރާތުން މޮޅު ކުޅުމެއް ރޭގެ މެޗުގައި ފެނިގެންދިޔައިރު އެޓީމުގެ ފުރަތަމަ ގޯލު 12 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކަސެމެއިރޯއެވެ. އަދި އޭގެ ހަތް މިނެޓްފަހުން ރޮބާޓޯ ފަމީނޯ ބްރެޒިލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން އެވަޓަން ސޯރެސް ވަނީ ބްރެޒިލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފައެވެ.

ބްރެޒިލްގެ ހަތަރުވަނަ ގޯލު މެޗުގެ 53 ވަނަ މިނެޓްގައި ޑެނިއަލް އަލްވޭސް ކާމިޔާބުކޮށްދިންއިރު އެޓީމުގެ ފަހު ގޯލު މެޗުގެ 90 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވިލިއަންއެވެ.

މުބާރާތުގެ ކުއާޓާގައި ބްރެޒިލް ބައްދަލުކުރަން ޖެހޭނީ ގްރޫޕްތަކުގެ ރޭންކިން އަށް ބެލުމަށްފަހު ގްރޫޕް ބީ ނޫނީ ސީ އިން އަންނަ ޓީމަކާއެވެ.

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ބްރެޒިލް އިން އެންމެފަހުން ކާމިޔާބުކޮށްފައިވަނީ 2007 ވަނަ އަހަރުއެވެ.