Last Updated: April 20, 13:48
Saturday, April 20, 2024
ޚަބަރު

އަރަފާތުގެ ހުވަފެންތަކުގައި ކުލަ ޖައްސައިދިނީ ނާއިބު ރައީސް!

ނާއިބު ރައީސް ފައިސަލް ނަސީމް އަރަފާތާއި ސަލާމް ކުރައްވަނީ -- ފޮޓޯ / ރައީސް އޮފީސް

ފުދުންތެރި އާއިލާއަކަށް ނުވި ކަމުގައިވިއަސް އެ އާއިލާގައިވެސް އުއްމީދުތަކެއް ހުއްޓެވެ. ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު އެ އާއިލާގައި ހުރުމަކީ އެ ކުއްޖާ މުޖުތަމައުއިން ބާކީވެގެން ވާންޖެހޭ ސަބަބެއް ކަމަށް އާއިލާއަކުން ގަބޫލެއް ނުކުރެއެވެ. ސަބަބަކީ ޚާއްސަ އެހީއަށް ބޭނުންވާ އެ ކުއްޖާގެވެސް އުއްމީދުތަކެއް ހުންނާނެއެވެ. އެހެން މީހުންނެކޭ އެއްފަދައިން ވަޒީފާއަށް ގޮސް އާއިލާއަށް ޚަރަދު ކޮށްދިނުމަކީ އެފަދަ ކުދިންވެސް ދެކެމުން އަންނާނެ ހުވަފެނެކެވެ.

ހއ. މޮޅަދޫއަށް އުފަން އުމުރުން 22 އަހަރުގެ ޖާދުﷲ އަރަފާތަކީ މިދެންނެވި އުއްމީދުތަކާއި ހުވަފެންތައް ދެކެމުން އަންނަ ޒުވާނެކެވެ. ނަމަވެސް އޭނާގެ ހުވަފެންތަކަށް ހުރަސް އަޅަނީ އޭނާއަކީ އެހެން މީހުން ފަދައިން އުޅެވޭ ކުއްޖަކަށް ނުވުމެވެ. އޭނާއަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. ނަމަވެސް އޭނާ އަބަދުވެސް ބޭނުންވަނީ ގައުމަށް ޚިދުމަތެއް ކޮށްދިނުމެވެ. ޚާއްސަ ގޮތެއްގައި އޭނާ ބޭނުންވަނީ ޤައުމީ ދިފާއީ ބާރުގެ ވަޒީފާއަށް ވަދެ ޤައުމީ ޚިދުމަތަށް ނިކުންނާނެވެ. އެކަމަށް ހުރަސް އެޅީ ސިފައިންގެ ޓްރޭނިންނެވެ.

"އޭނާއަކަށް އަޅުގަނޑާއި ނުލާ އެއްވެސް ކަމެއް ނުވާނެ. އެފަދަ ޓްރޭނިންގއެއް ހެދުމަށް އޭނާއަށް ވަރަށް އުނދަގޫވާނެ. އަދި ވަކިން ޚާއްސަކޮށް އަޅުގަނޑު ނެތި އޭނާއަށް ވަރަށް އުނދަގުވާނެ. އަބަދުވެސް އަޅުގަނޑުގެ އެހީތެރިކަމާއި އެކީގައި ކަންކަން ކުރާނީ،" އަރަފާތުގެ މަންމަ ފާތިމަތު އާދަމް 45އ، "އައްޑޫލައިވްއާ" ވާހަކަދައްކަމުން ބުންޏެވެ.

އޭނާ ބުނީ މިފަހަރު ނައިބު ރައީސް ހއ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުގައި މޮޅަދޫއަށް ވަޑައިގަތުމުން އެންމެ ފުރަތަމަވެސް މަރުޙަބާ ދެންނެވީ އޭނާގެ ދަރިފުޅު އަރަފާތު ކަމަށެވެ. އޭނާ އަބަދުވެސް އެތަނަކަށް ހިތް ޖެހިފައިވާ ސިފައިންގެ ޔުނީފޯމެއް ލައިގެން އޭނާ ހުރީ ނާއިބު ރައީސަށް މަރުޙަބާ ދެންނެވުމަށެވެ.

އަރަފާތަށް ފެނަކައިގެ ވަޒީފާ ދިން ކަމުގެ ލިޔުމާއި ފެނަކައިގެ ޓީޝަރޓް ޖެންޑަރ މިނިސްޓަރު ޝިދާފާ ޝަރީފް ޙަވާލު ކުރައްވަނީ — ފޮޓޯ / ރައީސް އޮފީސް

"ރައްޔިތުންނާއި އެކު ބޭއްވި ބައްދަލުވުމެއްގައި ނާއިބު ރައީސް އައްސަވަނީ އަރަފާތު ގާތުގައި ބޭނުންވަނީ ކޮން ކަމެއްތޯ. ދެން އަރަފާތު ބުނަނީ ވަޒީފާއެކޭ ބޭނުންވަނީ. ދެން ނާއިބު ރައީސް އެއްސެވީ ކޮން ވަޒީފާއެއްހޭ ބޭނުންވަނީ. އަރަފާތު ބުނީ ފެނަކައިން ވަޒީފާއެކޭ ބޭނުންވަނީ،" ފާތިމަތު ބުންޏެވެ.

ފާތިމަތު ބުނީ އެ ވަޒީފާއަކީވެސް އަރަފާތު ވަރަށް ބޭނުންވާ ވަޒީފާއެއް ކަމަށެވެ. ސަބަބަކީ އޭނާ ފަދަ އެހެން ކުއްޖަކުވެސް ފެނަކަ ވަޒީފާގައި އުޅެމުން އަންނާތީ ކަމަށް އޭނާ ބުންޏެވެ.

"ދެން ނާއިބު ރައީސް ވަނީ އަރަފާތުގެ އެ ހުށަހެޅުން ގަބޫލުފުޅު ކުރައްވާފައި. ނާއިބު ރައީސް އަރަފާތު ގާތުގައި ދެންނެވީ އެ ވަޒީފާ އަރަފާތަށް ލިބޭނެ. އެކަމުގެ ޔަގީންކަން ދެއްވި،" ފާތިފަތު ބުންޏެވެ.

ފާތިމަތު ބުނީ ނާއިބު ރައީސް އެރަށުން ފުރާވަޑައިގަތީ އަރަފާތަށް ފެނަކައިން ވަޒީފާ ލިބުނު ކަމުގެ ލިޔުން ޙަވާލު ކުރުމަށްފަހު ކަމަށެވެ.

"އަޅުގަނޑު ކީކޭތޯ ބުނާނީ. އަޅުގަނޑަށް ރޮވުނު. އުފަލުންގޮސް. މުޅި އާއިލާއަށް ލިބިގެންދިޔައީ ވަރަށް ބޮޑު ހައިރާން ކަމެއް. ހަމަ ބުނެދޭންވެސް ނޭނގުނު ވީ އުފަލެއް ބަޔާންކޮށްދޭންވެސް،" ފާތިމަތު ބުންޏެވެ.

ނައިބު ރައީސް ފައިސަލް މޮޅަދޫގެ އިސް ރަށްވެއްސަކާއި ވާހަކަދައްކަވަނީ — ފޮޓޯ / ރައީސް އޮފީސް

ފާތިމަތު ބުނީ އަރާފަތު ތަޢުލީމު ޙާޞިލްކޮށްފައިވަނީ ހއ. އިހަވަންދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ކިޔަވާދޭ ކްލާހުގައި ކަމަށެވެ. އޭނާ ބުނީ މޮޅަދޫއަށް ބަދަލުވީވެސް އަރަފާތަށް ވަޒީފާއެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ. އަރަފާތަކީ ސްކޫލު ދައުރުގައިވެސް ދިވެހި ދުވަހާއި އިނގިރޭސި އެކި އެކި މުބާރާތްތަކުގައި ބައިވެރިވެފައިވާ ކުއްޖެކެވެ.

"އަރަފާތު އެންމެ ބޭނުންވަނީ އެމްއެންޑީއެފް އަށް ވަންނަން. އެކަމަކު ކުރިން ބުނިހެން އޭނާއަށް އުނދަގުވާނެ އަޅުގަނޑާއި ނުލައި އުޅެން. ދެން އޭނާގެ ހުރިހާވެސް އުފަލަކީ އޭނާއަށް ލިބިފައިހުރި އެމްއެންޑީއެފްގެ ޔުނީފޯމް. އެއީ ހަމަ އަސްލު އެމްއެންޑީއެފް ބޭފުޅުން ލާ ޔުނީފޯމް. އެ ޔުނީފޯމަކީ އެމްއެންޑީއެފުން ބޭއްވި މަލްޓި މީޑީއާ ކޯހެއްގައި ބައިވެރިވެގެން ލިބުނު ޔުނިފޯމެއް. ކުރީގެ ޗީފް އޮފް ޑިފެންސަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން އެކަމުގައި،" ފާތިމަތު ބުންޏެވެ.

ފެނަކައިގެ ވަޒީފާއަށް އަރަފާތު މިއަދު ނިކުމެފައިވާއިރު ނައިބު ރައީސް ވަނީ އަރަފާތަށް ދޭން ޖެހޭ ތަމްރީންތަކާއި ވަޒީފާގައި ކުރަން ޖެހޭ ކަންކަން ކިޔައިދީ ހެދުމަށް މޮޅަދޫގައި ހުންނަ އިންޖީނުގެ ބަލަހައްޓާ ފެނަކަ ބޭފުޅުންނަށް އިލްތިމާސް ވެސް ކުރައްވައިފަ އެވެ.