Last Updated: April 19, 20:49
Friday, April 19, 2024
ޚަބަރު

ކުއްޖާ ގެއްލުމުގައި ޖެންޑަރ މިނިސްޓްރީގެ އިހުމާލު ބޮޑު: ޕީއެންސީ

ޕީއެންސީގެ އިސްވެރިންތަކެއް -- ފޮޓޯ / ވަން އޮންލައިން

ކުޑަކުދިންގެ ހިޔާއިން ގެއްލިގެން ހޯދާ ކުއްޖާގެ މަޢުލޫމާތު ދަޢުލަތުން އުޅެނީ ސިއްރު ކޮށްގެން ކަމަށާއި މިކަމަކީ ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ކަމަށް އިދިކޮޅު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީން) ބުނެފިއެވެ.

މިކަމާ ގުޅޭގޮތުން ޕީއެންސީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެކުއްޖާއާ ގުޅޭ ކަންކަން ފޮރުވަން މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިފަދަ ކަންކަން ހިނގަމުންދަނީ ސަރުކާރުގެ އެއްވެސް ހަރުދަނާ ކަމެއްނެތި ސަރުކާރުގެ ދޯދިޔާ ސިޔާސަތުތަކުގެ ސަބަބުން ކަމަށްވެސް ޕީއެންސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި މިކަމުގައި ޖެންޑަރ މިނިސްޓްރީން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި ކުޑަކުދިންގެ ހިޔާއަކީ ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓާ ތަނަކަށްވުމާއި އެކުދިންނަށް އެތަނަކީ ސަލާމަތްތެރި ރައްކާތެރި ތަނަކަށް ހެދުމާއި އެކުދިންގެ ކަންކަން އެންމެ ފުރިހަމައަށް ބެލެހެއްޓުމާއި އެކަންކަން އެންމެ ރަނގަޅަށް މޮނިޓަރކޮށް ބެލެހެއްޓުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައިވަނީ ޖެންޑަރ މިނިސްޓްރީއަށް ކަމަށްވެސް ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ޕީއެންސީގެ ބަޔާނުގައި ބުނެފައިވަނީ އެހާދިސާއާ ގުޅިގެން ޖެންޑަރ މިނިސްޓްރީއަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާއާ އިހުމާލުވެފައިވާ ކަމަށެވެ. އެހެންކަމުން އެކަމާއި ގުޅޭ ސައްޙަ މަޢުލޫމާތު އޮޅުވާނުލައި ދިވެހި ރައްޔިތުންނަށް ހާމަ ކުރުމަށް ވަނީ ގޮވާލައިފައެވެ.

ޖެންޑަރ މިނިސްޓަރަކަށް ހުންނެވި ޝިދާތާ ޝަރީފަށް ފާޑުކިޔާފައިވާ މި ބަޔާނުގައި ބުނެފައިވަނީ އެކަމަނާއަކީ މީގެކުރިންވެސް ވ. ރަކީދޫގައި ކުއްޖަކު އިހާނެތިކޮށް މަރާލާފައިވާ މައްސަލައެއްގައި އިހުމާލުވެފައިވާ މިނިސްޓަރެއް ކަމަށެވެ.

ޕީއެންސީން ބުނީ އެކަމުގައި ފުރިހަމަ ތަހުގީގެއް ހިންގާ އިހުމާލުވެ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލައި ކަމަށެވެ. އަދި އެފަދަ ހާދިސާތައް ހިނގުމުން މި ސަރުކާރުން ރައްޔިތުންނަށް ކަންކަން ފޮރުވާ އޮޅުވާލުމަކީ ރައްޔިތުންނާއި މެދު އިހާނެތިވުންކަން ޕީއެންސީން ވަނީ ފާހަގަކޮށްފައެވެ.

ހޯދަމުން އަންނަނީ އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ އެވެ. އެކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނެވެ. ކުޑަކުއްޖާ ގެއްލިގެން އުޅޭތާ ފަސް ދުވަސްވެފައިވާއިރު އެކުއްޖާއަކީ ކުށުގެ ވެށިން ކުޑަކުދިންގެ ހިޔާއަށް ގެނައުމުން ފިލި ކުއްޖެއް ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ.