Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ގަތަރު ބަލިކޮށް އާޖެންޓީނާ ކުއާޓާ އަށް

2-0 އިން ގަތަރު ބަލިކޮށް ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއާޓާފައިނަލަށް އާޖެންޓީނާ ދަތުރުކޮށްފިއެވެ.

މި މޮޅާއެކު މުބާރާތުގެ ކުއާޓާ އަށް އާޖެންޓީނާ ދަތުރުކުރީ ހަތަރު ޕޮއިންޓާ އެކު ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މި ގްރޫޕްގެ އެއްވަނަ ހޯދައިގެން ކުއާޓާ އަށް ދަތުރުކުރީ ކޮލަމްބިޔާ ކަމަށްވާއިރު އެޓީމުން ވަނީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓު ހޯދާފައެވެ.

މި މުބާރާތުގައި މާ ރަނގަޅު ކުޅުމެއް އާޖެންޓީނާ އަށް ދެއްކޭގޮތް ނުވެފައިވާއިރު، ރޭގެ މެޗުގެ ފުރަތަމަ ގޯލު އެޓީމުން ކާމިޔާބުކުރީ މެޗުގެ ހަތަރުވަނަ މިނެޓްގައެވެ. އެގޮތުން މި ގޯލު އާޖެންޓީނާ އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް ލައުޓާރޯ މާޓިނޭޒްއެވެ.

މި ގޯލަށްފަހު ވެސް އާޖެންޓީނާ އިން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރިއިރު، ކައުންޓަ އެޓޭކުތަކުގައި ގަތަރުން ވެސް ދިޔައީ އާޖެންޓީނާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ގަތަރުގެ ބައްސާމް އަލް ރާވީ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި އަށް ވެސް އަމާޒުވެފައިވެއެވެ.

މި މެޗުން ތިން ޕޮއިންޓު އާޖެންޓީނާ އަށް ކަށަވަރުކޮށްދިން ގޯލު މެޗުގެ 82 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސާޖިއޯ އަގުއެރޯއެވެ.

މުބާރާތުގެ ކުއާޓާފައިނަލްގައި އާޖެންޓީނާ ބައްދަލުކުރާނީ ގްރޫޕް އޭގެ ދެވަނަ ހޯދި ވެނެޒުއެލާއާއެވެ.