Last Updated: April 24, 21:16
Wednesday, April 24, 2024
ޚަބަރު

ޝައިމް ގެއްލުނު މައްސަލައިގެ މައުލޫމާތު ހޯދަން ނިންމައިފި

ޝައިމް ޢަބްދުﷲ (14އ)

ގެއްލިގެން ހޯދަމުން އަންނަ ޝައިމް އަބްދުﷲ ގެއްލުނު މައްސަލައިގެ މައުލޫމާތު ހޯދަން ކަމާބެހޭ ފަރާތްތަކަށް ސިޓީ ފޮނުވަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައިފިއެވެ.

މި ހުށަހެޅުން ހުށަހެޅީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒް އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި ބައެއް މެމްބަރުން ވަނީ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ކޮމިޓީ އަށް ހާޒިރުކޮށްގެން ވެސް މައުލޫމާތު ހޯދާނެ ކަމަށް ވިދާޅުވެފައެވެ.

ފުލުހުން ރޭ ބުނީ މި މަހުގެ 18 ވަނަ ދުވަހު 14 އަހަރުގެ ޝައިމް ގެއްލިގެން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށާއި މި މައްސަލަ ހުށަހެޅުމުން މިފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލުން އަމަލުކުރުމަށްފަހު މި މަހުގެ 20 ވަނަ ދުވަހު ޝައިމް ހޯދުމަށް އިއުލާން ކުރެވިފައިވާ ކަމަށެވެ.

"މި ކުއްޖާ ހޯދުމަށް ފުލުހުން ވަނީ ތިން ގެއެއް ބަލާ ފާސްކޮށްފައި. މީގެއިތުރުން ފުލުހުން ވަނީ ސީސީޓީވީ ފުޓޭޖްތައް ބަލައިގެން ވެސް ކުއްޖާ ހޯދުމުގެ މަސައްކަތް ކޮށްފައި" ފުލުހުން ބުންޏެވެ.

މީގެއިތުރުން މިހާރުވެސް އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށާއި، މި ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ލަސް ނުކުރައްވާ 3000600 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.