Last Updated: April 25, 17:37
Thursday, April 25, 2024
ޚަބަރު

ތޫނު ހަތިޔާރާއެކު މަރަދޫން ދެ މީހަކު ހައްޔަރުކޮށްފި

ތޫނު ހަތިޔާރާއެކު އައްޑޫ ސިޓީ މަރަދޫން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއް ކަމަށެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މަރަދޫގައި ތޫނު ހަތިޔާރު ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިއަދު 11:30 ހާއިރު ހިންގި އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުން މަރަދޫގެ ގެއެއް ބަލައިފާސްކުރިއިރު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެގޭގެ ތެރެއިން އެއް ކަނޑި އާއި ތިން ވަޅި އާއި އެއް ތިލަ އާއި އެއް އިންޖެކްޝަނާއި މާސްކެއް ފެނިފައިވާ ކަމަށެވެ.

މީގެއިތުރުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ހަ ރަބަރު ޕެކެޓު ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.