Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

11 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް މިއަހަރުތެރޭ ފަށަނީ

މާލެ މަގުތަކުގައި ތާރު އަޅަނީ: ފޮޓޯ - ޕީއެސްއެމް

މިއަހަރުތެރޭ އިތުރު 11 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ފަށާނެ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑްއިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ އަލަށް ފަށާ މި މަޝްރޫއުތަކަށް ދައުލަތުގެ ބަޖެޓުން 68 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި އަލަށް މަގު ހެދުމުގެ މަސައްކަތް ފަށާ ރަށްތަކާއިއެކު މިއަހަރު ޖުމްލަ 23 ރަށެއްގައި މަގު ހެދުމުގެ މަޝްރޫއު ކުރިއަށްދާނެ ކަމަށާއި މިކަމަށް ސަރުކާރުން 192 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މިއަހަރު ބަޖެޓުކޮށްގެން މަގު ހެދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ރަށްތަކަކީ:

– ހދ.ފިނޭ
– މ.މުލައް
– ރ.އަލިފުށި
-ހއ.ކެލާ
-ރ.ހުޅުދުއްފާރު
-ތ.ގުރައިދޫ
-ގދ.ފަރެސްމާތޮޑާ
– ތ.ތިމަރަފުށި
– ލ.ގަން
– ގދ.ގައްދޫ
– ކުޅުދުއްށި މި ރަށްތަކެކެވެ.

މަގުހެދުމުގެ މަޝްރޫޢުތަކުގެ ތެރެއިން 12 ރަށެެއްގައި މިހާރުވެސް މަގުހެދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މީގެތެރޭގައި ހިމެނެނީ އައްޑޫ ސިޓީގެ 6 ރަށާއި، ޏ.ފުވައްމުލަކާއި، ބ.އޭދަފުއްޓާއި، ލ.ފޮނަދޫގެ މަގުތަކެވެ.

މިއަހަރު ފަށައިގެން ކުރިއަށްދާ 12 މަޝްރޫޢުގެ ތެރޭގައި 2018ވަނަ އަހަރުގެ ބަޖެޓުގައި ހިމެނި 3 މަޝްރުޢޫއެއްގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. މީގެ ތެރޭގައި ހިމެނެނީ ހދ.ހަނިމާދުއާއި، ރ.އުނގޫފާރާއި، ދުވާފަރެެވެ.