Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އަދީބުގެ ޕާސްޕޯޓު ހިފަހައްޓަން އަމުރުކޮށްފި

އަހުމަދު އަދީބު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޕާސްޕޯޓު ހިފަހައްޓަން ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

ސުޕްރީމް ކޯޓުން މި އަމުރު ނެރުނީ ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން އެމްއެމްޕީއާރުސީ އިން ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެ ކުންފުނިން އެމްއެމްޕީއާރުސީ އަށް ދިން ފަސް މިލިޔަން ޑޮލަރަށް (77 މިލިއަން ރުފިޔާ) ޚިޔާނާތްތެރިވި މައްސަލައިގައި އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލުކުރި މައްސަލަ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާތީއެވެ.

"މި މައްސަލައިގައި ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅައި ނިމެންދެން ނުވަތަ ވަކި ގޮތަކަށް ސުޕްރީމް ކޯޓުން އަންގަންދެން އަދީބުގެ ޕާސްޕޯޓޫ ހިފެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް އަންގައި އަމުރުކޮށްފީމެވެ" އެ އަމުރުގައި ބުނެފައިވެއެވެ.

އަދީބުގެ މައްޗަށް އެ މައްސަލައިގައި އިއްވި އަށް އަހަރުގެ ޖަލު ހުކުމް ބާތިލުކުރުމަށްފަހު ހައިކޯޓުން ވަނީ އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަންގާފައެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އަދީބަށް ދައުވާ ކޮށްފައިވަނީ ނުފޫޒުން އެއްކިބާވެފައިވާ ގޮތަށް ތަހުގީގު ކުރުމަކާ ނުލައި ކަމަށާއި އަދި މިހާރު ދައުވާކުރެވިފައިވާ ގޮތުގެ މަތިން އިތުރަށް ކުރިއަށް ގެންދިއުން ގާނޫނީ ހަމަތަކުގެ މަތިން ސައްހަ ވެގެން ނުވާ ނިންމައި އެ މައްސަލަ އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލާފައެވެ.

ޕާސްޕޯޓު ހިފަހައްޓަން އަމުރުކުރިއިރު އަދީބު މިވަގުތު ހުންނެވީ ބޭސްފަރުވާއަކަށް އިންޑިޔާގައެވެ. އަދީބު އިންޑިޔާ އަށް ވަޑައިގެންނެވީ އިމިގްރޭޝަނުން ދޫކުރި ޓްރެވެލް ޑޮކިއުމެންޓެއްގައެވެ. އަދީބު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ.