Last Updated: July 20, 12:20
Saturday, July 20, 2019
ޚަބަރު

41 ވަނަ ހިއުމަން ރައިޓްސް ކައުންސިލް ސެޝަން ފަށައިފި

އދ.ގެ އިންސާނީ ހައްޤުތަކާބެހޭ މަޖްލީހުގެ 41 ވަނަ ހިއުމަން ރައިޓްސް ކައުންސިލް ސެޝަން ސްވިޓްޒަރލޭންޑްގެ ޖެނީވާގައި ހުންނަ އ.ދ.ގެ މަރުކަޒުގައި މިއަދު ފެށިއްޖެއެވެ.

ތިން ހަފްތާގެ މުއްދަތަށް ކުރިއަށްދާ މި ސެޝަން ނިމެނީ ޖުލައި މަހުގެ 12 ވަނަދުވަހުއެވެ. މިފަހަރުގެ ސެޝަން ފެށިގެން ދިޔައީ، ހައިކޮމިޝަނަރ ފޮރ ހިޔުމަން ރައިޓްސް މިޝެލް ބަޝެލޭ ދެއްވި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިންގަމުން އަންނަ އިންސާނީ ހައްޤުތަކުގެ ޙާލަތުގެ ތަފްސީލަކުންނެވެ.

މި ހިނގާ ކައުންސިލް ސެޝަންގައިވެސް ރާއްޖެއިން ބައިވެރިވެވަޑައިގަންނަވާ ވަފުދުން ކައުންސިލްގެ ޕްރޮގްރާމް އޮފް ވާރކްގައި ހިމެނޭ އެކި ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލްކުރައްވައި ބަޔާންތަކެއް ދެއްވާނެއެވެ. މިގޮތުން، ޕްރޮގްރާމް އޮފް ވާރކްގައި ހިމެނޭ ޕެނަލް ޑިސްކަޝަން އޮން ވިމެންސް ރައިޓް އެންޑް ކްލައިމެޓް ޗޭންޖް، އަދި މިޔަންމާގައި ރޮހިންގާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިނގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ގޮވާލުމުގެ އިތުރުން، ސީރިއާ އަދި ފަލަސްތީންގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު އިތުރަށް ގޯސްވަމުންދާތީވެ ރާއްޖޭގެ ފަރާތުން ބަޔާންދެއްވާނެއެވެ.

މިއަދު އދގެ ސްޕެޝަލް ރެޕަޓުއަރ އޮން ދަ އިންޑިޕެންޑެންސް އޮފް ޖަޖަސް އެންޑް ލޯޔަރސް އާއިއެކު ކުރިއަށްދިޔަ އިންޓަރެކްޓިވް ޑަޔަލޮގްގައި ރާއްޖެއިން ވަނީ ސްޓޭޓްމަންޓެއް ދީފައެވެ.

ޖެނީވާގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ހާލާ ހަމީދު ދެއްވި ސްޓޭޓްމަންޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ޝަރުޢީ ދާއިރާ އިސްލާހުކޮށް، ހަރުދަނާކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

އެގޮތުން ކޯޓުތަކުގެ ސްޓްރަކްޗަރއާއި ކޯޓުތައް ހިންގުން ހަރުދަނާކުރުމާއި، ފަނޑިޔާރުންނާއި ގުޅޭ ޝަކުވާތައް ޖުޑީޝަލް ސަރވިސަސް ކޮމިޝަނަށް ހުށަހެޅުމުގެ މަގު ފަސޭހަކުރުމާއި ޝަކުވާ ބެލޭނެ އިންތިޒާމް އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން ލީގަލް ޕްރޮފެޝަންސް އެކްޓްގެ ބިލާއި، އެބިލުގެ ސަބަބުން ނިކުންނަ ނަތީޖާތަކުގެ މައްޗަށްވެސް ދާއިމީ މަންދޫބުގެ ސްޓޭޓްމަންޓްގައި ބައްލަވާލެއްވިއެވެ.

41 ވަނަ ހިއުމަން ރައިޓްސް ކައުންސިލް ސެޝަންގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ވަފުދުގައި އިސްކޮށް ހުންނަވާނީ، ރާއްޖޭއިން ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު، ޑރ. ހާލާ ޙަމީދެވެ.

ހިއުމަން ރައިޓްސް ކައުންސިލްއަކީ 47 މެންބަރުން ހިމެނޭ، ދުނިޔޭގެ އިންސާނީ ހައްޤުތައް ކުރިއެރުވުމަށް ބާރުއެޅުމަށް އަދި އެކަމާ ގުޅޭ އެންމެ އިސް މަޝްވަރާތަކާ ނިންމުންތައް ނިންމޭ މަޖްލީހެވެ.