Last Updated: April 18, 21:56
Thursday, April 18, 2024
ޚަބަރު

ގާޒީ ނިހާންގެ ސަސްޕެންޝަން ޖޭއެސްސީން އުވާލައިފި

ގާޒީ ނިހާން --

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފައިވާ ކަން ދައްކަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލާގައި 17 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން ސަސްޕެންޑު ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ނިންމި ނިންމުން އުވާލައިފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ އޭރު ކޮމިޝަނުން ގާޒީ ނިހާން ސަސްޕެންޑް ކުރީ އެ މައްސަލައާ ގުޅިގެން ފުލުހުން ދިން މައުލޫމާތުގެ އަލީގައި ކަމަށާއި ނިހާން ސަސްޕެންޑް ކޮށްފައިވަނިކޮށް ކްރިމިނަލް ކޯޓުން އެ މައްސަލަ ނިހާންގެ މައްޗަށް ސާބިތުވާ ކަމަށް ނިންމި ކަމަށެވެ.

ނަމަވެސް ފަހުން ހައިކޯޓުގައި އެ ހުކުމް އިސްތިއުނާފް ކުރުމުން އެ ކޯޓުން އެ ހުކުމް ބާތިލުކުރި ކަމަށާއި ދެން އެ ކޮމިޝަނުން އިންތިޒާރުކުރީ މިކަމުގައި ޕީޖީން އަމަލުކުރާނެ ގޮތަކާ މެދު ކަމަށް ޒަހީން ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިހާރު ވަނީ ޕީޖީގެ ފަރާތުން ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފް ނުކުރާނެ ކަމަށް ނިންމާ އެކަމުގެ ސިޓީއެއް ލިބިފައި" ޒަހީން ވިދާޅުވިއެވެ.

އެހެންކަމުން ނިހާން ސަސްޕެންޑް ކޮށްފައި ހުރި ހުރުން މިއަދުން ފެށިގެން އުވާލުމަށް ކޮމިޝަނުގެ މިއަދު ބައްދަލުވުމުގައި ނިންމާފައިވާ ކަމަށްވެސް ޒަހީން ވިދާޅުވިއެވެ.

ނިހާންގެ ސަސްޕެންޝަން އުވާލި ނަމަވެސް އޭނާއާ ގުޅޭގޮތުން ޖޭއެސްސީން ތަހުގީގު ކުރަމުންދާ ސުލޫކީ މައްސަލަ ކުރިއަށްދާނެ ކަމަށްވެސް ޒަހީން ވިދާޅުވިއެވެ.