Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

ހުރިހާ ފަނޑިޔާރުންގެ ފެންވަރު ބަލަން ނިންމައިފި

ރާއްޖޭގެ ހުރިހާ ކޯޓުތަކެއްގައި މަސައްކަތްކުރާ ފަނޑިޔާރުންގެ ފެންވަރު ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިގޮތަށް ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަތޯ ބެލުމަށް މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގަރާރަކާ ގުޅިގެން މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލްކަން ވަޒަންކުރަން ގަވާއިދެއް އެ ކޮމިޝަނުން ހަދާފައިވާ ކަމަށާއި އެގޮތުން އެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

"އެ ގަވާއިދުގެ ދަށުން އެއްވެސް ފަނޑިޔާރަކު އިސްތިސްނާ ނުކޮށް، އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ކަމުގައި ވިއަސް އަދި ދަށު ކޯޓުގެ ފަނޑިޔާރެއް ކަމުގައި ވިއަސް، އެއްވެސް ފަނޑިޔާރަކު އިސްތިސްނާ ނުކޮށް އެ ގަވާއިދުގެ ދަށުން ފަނޑިޔާރުންގެ ގާބިލުކަން ވަޒަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ދަންނަވާ މަޖިލީހަށް ޖަވާބު ދިނުމަށް ވަނީ ނިންމާފައި" ޒަހީން ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަތޯ ބެލުމުގެ ގަރާރެއް މަޖިލީހުން ފާސްކޮށްފައިމިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރަން ޖޭއެސްސީން ނިންމުމާ ގުޅިގެން، ސުޕްރީމް ކޯޓާއި ޖޭއެސްސީއާ ދެމެދު މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

އެ ސަސްޕެންޝަން ފަސްކުރުމަށް ސުޕްރީމް ކޯޓުން ޖޭއެސްސީ އަށް އެންގި ނަމަވެސް ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ އަމުރަށް ގޮންޖަހައި ދީދީގެ ސަސްޕެންޝަން ދަމަހައްޓާފައެވެ.