Last Updated: April 19, 22:45
Saturday, April 20, 2024
ސިޔާސީ

ހާޖަރާގެ ލުތުފީ ހައްޔަރުކޮށްފި، ރާއްޖެ ގެނައުމުގެ މަސައްކަތް ދަނީ ކުރަަމުން

ލުތުފީ ---

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ޖެނުއަރީ 16، 2010 ގައި ލުތުފީ ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ފޮނުވުމުން އެނބުރި އައިސްފައި ނުވާ މައްސަލަ އޭގެ ދެ އަހަރު ފަހުން އޭރުގެ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރީ ހެބިލިޓޭޝަން ސާވިސްގެ ފަރާތުން ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި ޕެނިޓެންޝަރީގެ އެ އެދުމަށް ލުތުފީ ހޯދަން ބައިނަލްއަގުވާމީ އެހީތެރިކަން ހޯދައި، އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް މިދިޔަ މެއި މަހު 1 ވަނަ ދުވަހުގައި ލުތުފީ ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އަމިއްލައަށް ހާޒިރުވެފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

"ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް އަބްދުﷲ ލުތުފީ ހާޒިރުވުމާ ގުޅިގެން ދިވެހި ފުލުހުންނާއި ކޮލަމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އަބްދުﷲ ލުތުފީ ރާއްޖެއަށް އަނބުރާ ގެނައުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް މިދަނީ ކުރަމުންނެވެ. އަދި މިވަގުތު ކޮލަމްބޯގައި އަބްދުﷲ ލުތުފީ ބަލަހައްޓަމުން ދަނީ ދިވެހި ފުލުހުން ކަމުގައި ދަންނަވަމެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.

ލުތުފީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިކަން ހާމަކޮށްފައިމިވަނީ، އޭނާ ރާއްޖެ ގެނައުމަށް މި ސަރުކާރުން މަސައްކަތްކުރޭތޯ ސާފުކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ހުށައަޅާފައި ވަނިކޮށެވެ.

ލުތުފީއަކީ ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ދެވުނު އުދުވާނީ ހަމަލާއާއި ގުޅިގެން އުމުރު ދުވަހަށް ޖަލަށް ލާފައިހުރި މީހެކެވެ.