Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އައްޑޫ ހޮސްޕިޓަލަށް ބޭނުންވާ އެމްއާރްއަައި މެޝިން ގެނެސްފި

އައްޑޫގައި ހަދަމުންދާ ޓާޝަރީ ހޮސްޕިޓަލަށް ބޭނުންވާ އެމްއާރުއައި މެޝިން ރޭ ފަތިހު އައްޑޫ އަށް ގެނެސްފިއެވެ.

އެމްއާރުއައި މެޝިން އައްޑޫ އަށް ގެނެސްފައިވަނީ ދުބާއީން ގަމަށް އައި ކާގޯ މަތިންދާ ބޯޓަކުންނެވެ.

ދިވެހި ސަރުކާރުން ޗާޓަރުކޮށްގެން ގެނައި މި ބޯޓުން ކޮންވެންޝަން ސެންޓަރުގައި ހަދަމުންދާ 100 އެނދުގެ ހޮސްޕިޓަލަށް ބޭނުންވާ އެމްއާރުއައި މެޝިންގެ އިތުރުން ވެސް އެހެން ގިނަ ސާމާނު ތަކެއް ގެނެސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މި ބޯޓަކީ ދުނިޔޭގެ އެންމެ ބޮޑެތި ކާގޯ އުފުލާ ބޯޓުތަކުގެ ތެރޭގައި ހިމެނޭ ބޯޓެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައްޑޫ އިކުއެޓޯރިއަލް ކޮންވަންޝަން ސެންޓަރު ހުރި ބިނާގައި ހޮސްޕިޓަލް ތަރައްގީ ކުރުމަށް ނިންމާފައިވާއިރު މިސަރުކާރުން ވަނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓާނުލާނެކަން އިއުލާންކޮށް، ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައެވެ.

މިއަހަރު ތެރޭ ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވެސް ވަނީ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް ޒިޔާރަތްކުރައްވާފައެވެ.

ސަރުކާރުން އަންނަނީ މިއަހަރުގެ މެދުތެރޭގައި ހޮސްޕިޓަލުގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުންނެވެ.