Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

އަށް ރަށެއްގެ މަގު ހެދުމުގެ މަސައްކަތަށް ކޮންސަލްޓެންޓުން ހޯދަނީ

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އަށް ރަށެއްގެ މަގުހެދުމުގެ މަސައްކަތްތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އިއުލާން ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ކޮންސަލްޓެންޓުން ހޯދަން އިއުލާން ކޮށްފައިވާ ފުރަތަމަ ޕެކޭޖްގައި ހިމެނޭ ރަށްތަކަކީ ލ. ގަން، ތ. ތިމަރަފުށި، ތ. ގުރައިދޫ އަދި ގދ. ގައްދޫއެވެ. ދެވަނަ ޕެކޭޖްގައި ހިމެނޭ ރަށްތަކަކީ ހއ. ކެލާ، ރ. ހުޅުދުއްފާރު، ރ. އަލިފުށި އަދި މ. މުލަކުއެވެ.

މި މަސައްކަތްތަކުގެ ތެރޭގައި ސާރވޭ، ޕްރިލިމިނަރީ ޑިޒައިން، ޑީޓެއިލްޑް ޑިޒައިން، ޓެންޑަރ ޑޮކިއުމަންޓްސް، ޓެކްނިކަލް ސްޕެސިފިކޭޝަން، ބިލް އޮފް ކުއަންޓިޓީސް (ބީ.އޯ.ކިއު) އަދި އީ.އައި.އޭ ހެދުން ހިމެނޭ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

މި މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު) ހުށަހަޅަން ވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މިކަމަށް ޝަޢުޤުވެރިވާ، ޝަތުރު ހަމަވާ ފަރާތްތަކުން 15 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 1400 ނިޔަލަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" އެ މިނިސްޓްރީ އަށް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން ވަނީ އެދިފައެވެ.