Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

މެޖިސްޓްރޭޓް ވަކި ކުރަނީ އަންހެނަކާ ހުތުރު ބަހުން ވާހަކަދެއްކުމުން

ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނިންމީ އާންމު ތަނެއްގައި އަންހެނަކާ ޒުވާބުކޮށް ހަޑި ހުތުރު ބަހުން ވާހަކަދެއްކުމުން ކަމަށް ޖޭއެސްސީއިން މަޖިލީހަށް ފޮނުވި ރިޕޯޓްގައި ބުނެފިއެވެ.

އިބްރާހީމް ރަޝީދުގެ ސުލޫކީ މައްސަލަ ޖޭއެސްސީއަށް ހުށަހެޅީ 2013 ވަނަ އަހަރުގެ ތެރޭގައި ކަމަށްވީ ނަމަވެސް ޖޭއެސްސީން މިމައްސަލަ ނިންމުމަށްފަހު މަޖިލީހަށް ފޮނުވާފައިވަނީ އިއްޔެއެވެ.

އަމިއްލަ ފަރާތަކުން ޖޭއެސްސީއަށް ހުށަހެޅި މެޖިސްޓްރޭޓް އިބްރާހީމް ރަޝީދުގެ މައްސަލައިގައި ބުނެފައިވަނީ އޭނާ ދިރިއުޅުއްވާ ގޭގެ ކުރިމަތީގައި ހުރެ އަންހެނަކާ މުހާތަބުކޮށް ހަޑިހުތުރު އެއްޗެތި ގޮވައި އެ ހިސާބުގަނޑު އެންމެންގެ ކުރިމަތީގައި ހަޅޭއްލަވާފައިވާ ކަމަށެވެ.

އެ އަންހެން މީހާ އަކީ ނަހަލާލަށް ބަލިވެ އިނދެ ދަރިވައްޓާފައި ހުރި މީހެއް ކަމަށްބުނެފައިވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

ޖޭއެސްސީން ބުނީ މިމައްސަލަ ނިންމުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތަށް ރިއާޔަތްކޮށްފައިވާނެ ކަމަށާއި އެގޮތުން މެޖިސްޓްރޭޓެއްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އާންމު ފަރުދަކާ ދިމާލަށް ހަޑި ހުތުރު ބަހުން ވާހަކަ ދައްކައި އެއްޗެތި ގޮވާ ހަޅޭއްލެވުމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށެވެ.

މިއީ ޖޭއެސްސީގެ ތާރީހުގައި ވެސް ފަނޑިޔާރަކު މަގާމުން ވަކި ކުރަން މަޖިލީހަށް ފޮނުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ގާނޫނު އަސާސީގައި އޮންނަ ގޮތުން ފަނޑިޔާރަކު ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވާ މެމްބަރުންގެ ތެރެއިން ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ ވޯޓު ލިބިގެންނެވެ.