Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

އިސްލާމިކް ޔުނިވާސިޓީ ދެމި އޮތުމަކީ މުހިއްމު ކަމެއް: އަދާލަތު

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އަދާލަތު

އިސްލާމީ ޔުނިވާސިޓީ މުސްތަގިއްލު ޔުނިވާސިޓީއެއްގެ ގޮތުގައި ދެމި އޮތުމަކީ މުހިއްމު ކަމެއް ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

އަދާލަތުން މިހެން ބުނެފައިމިވަނީ އިސްލާމިކް ޔުނިވާސިޓީގެ ގާނޫނަށް ގެނައި އިސްލާހުތަކަށް އިއްޔެ ބަހުސް ކުރައްވަމުން ސަރުކާރު ހިންގާ ޕާޓީ ކަމަށްވާ އެމްޑީޕީގެ ބައެއް މެމްބަރުން ގައުމީ ޔުނިވާސިޓީގެ ފެކަލްޓީއަކަށް އައިޔޫއެމް ހެދުމަށް ހިޔާލު ފާޅުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން އަދާލަތުން ބުނީ އިސްލާމްދީނާ ގުޅޭ އިލްމީ ދިރާސާތައްކޮށް، ދީނުގެ އިލްމު ފެތުރުމަށް އިސްލާމިކް ޔުނިވާސިޓީ މުސްތަގިއްލު ޔުނިވާސިޓީއެއްގެ ގޮތުގައި ދެމި އޮތުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.

ސަރުކާރުގެ ފަރާތުން އައިޔޫއެމްގެ ގާނޫނަށް އިސްލާހުތައް ހުށަހެޅީ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދުއެވެ.

އެ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި ޗާންސެލަރާއި ވައިސް ޗާންސެލަރު ރައީސް އައްޔަންކުރެއްވި ނަމަވެސް ޑެޕިއުޓީ ވައިސް ޗާންސެލަރު އައްޔަންކޮށް ވަކިކުރާނީ ޔުނިވަސިޓީގެ މަޖިލިހުން ކަމަށް ބުނެފައިވެއެވެ. އަދި ޑެޕިއުޓީ ޗާންސެލަރުގެ މަގާމުގެ ދައުރާއި މަސްއޫލިއްޔަތު ކަނޑައަޅާނީ ވެސް ޔުނިވަސިޓީގެ މަޖިލިހުން ކަމަށް އެ ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުގައި ބުނެފައިވެއެވެ.

މީގެއިތުރުން އައިޔޫއެމްގެ މަޖިލިސް އެކުލެވިގެންވާ އަދަދު 19 އަށް ބަދަލު ކުރުމަށް ވެސް ވަނީ ހުށަހަޅާފައެވެ.