Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ގައިދީން ނުކިޔަމަންތެރިވުމުން ބާރުގެ ބޭނުން ކުރަން ޖެހުނު: ކަރެކްޝަންސް

މާފުށީ ޖަލު-- ފޮޓޯ: ވީނިއުސް

ރޭ މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުމުގައި ގައިދީން ނުކިޔަމަންތެރިވުމުން ގާނޫނީ އިމުގެ ތެރެއިން ބާރުގެ ބޭނުންކޮށްފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

ކަރެކްޝަންސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން އެ ޖަލުގައި ތިބި ބައެއް ގައިދީންނާއި ބަންދު މީހުން ޖަލު އޮފިސަރުންނަށް ތަކުރާރުކޮށް ގޯނާ ކުރުމާއި ޖަލު އޮފިސަރުންގެ އަމުރަށް ނުކިޔަމަންތެރިވެ ޖަލުގެ ގަވާއިދުތަކަށް ބޯނުލަނބައި ރޭގަނޑު ގޮޅިތަކަށް ވަންނަންޖެހޭ ގަޑިއަށް ވަންނަން އިންކާރު ކުރަމުންދާ ކަމަށެވެ.

އަދި އެމީހުންނަށް ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް ކިޔަމަންތެރިވެފައި ނުވުމުން ޖަލުގެ މަސްލަހަތު ގެއްލެމުންދާތީ، ރޭ ގާނޫނީ އިމުގެ ތެރެއިން ބާރުގެ ބޭނުންކޮށް ނުކިޔަމަންތެރިވި ހުރިހާ ގައިދީން އެމީހުންގެ އާއްމު ހާލަތުގައި ތިބެންޖެހޭ ގޮޅިތަކަށް ވައްދާފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

އޮޕަރޭޝަން ހިންގަން ފެށުމުން ގިނަ ގައިދީން އަމުރަށް ކިޔަމަންތެރިވެ ގޮޅިތަކަށް ވަދެފައިވާކަން ކަރެކްޝަންސް އިން ފާހަގަކުރެއެވެ. ނަމަވެސް ގޮޅިތަކަށް ވަންނަން ދެކޮޅު ހެދި ގައިދީން ގޮޅިތަކަށް ވެއްދުމަށް، ޕެޕާ ސްޕްރޭ ބޭނުން ކުރި ކަމަށް ވެސް ކަރެކްޝަންސް އިން ބުނެފައިވެ އެވެ.

ކަރެންޝަންސް އިން ބުނީ އެ މުޅި އޮޕަރޭޝަނުގެ ވީޑިއޯ ނަގާފައިވާނެ ކަމަށެވެ.