Last Updated: April 24, 18:14
Wednesday, April 24, 2024
ޚަބަރު

ފުރަތަމަ ކުއާޓާގައި އޭސީސީން 157 މައްސަލަ ބަލައި ނިންމައިފި

މި އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 157 މައްސަލަ ބަލައި ނިންމައިފިއެވެ.

އޭސީސީން މިއަދު އާއްމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި އޭސީސީން ބަލާ ނިންމާފައިވަނީ ޖުމްލަ 288 މައްސަލައެވެ.

މި އަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ކޮމިޝަނުން ބަލާ ނިންމި މައްސަލަތަކުގެ ތެރެއިން، ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް 1 މައްސަލައެއް ނިންމާފައިވާއިރު، 2018 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޝަރީޢަތަށް ހުށަހެޅުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމާފައިވަނީ 3 މައްސަލައެވެ.

މީގެއިތުރުން، މި އަހަރުގެ ފުރަތަމަ 03 މަސްދުވަހުގެ ތެރޭގައި އޭސީސީން ނިންމި ޖުމްލަ 157 މައްސަލައިގެތެރެއިން، ކޮރަޕްޝަންގެ ޢަމަލެއް އެކުލެވިފައިވާކަމަށް ސާބިތު ކުރެވެން ނެތްކަމަށް ނިންމާފައިވަނީ ޖުމްލަ 156 މައްސަލައެވެ. 2018 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި 285 މައްސަލައެއް އެކަށީގެންވާ ހެއްކާއި ޤަރީނާ ނެތިގެން ކޮރަޕްޝަންގެ ޢަމަލެއް އެކުލެވިގެންވާކަމަށް ސާބިތު ކުރެވެން ނެތްކަމަށްވަނީ ނިންމާފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، 2019 ވަނަ އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ކޮމިޝަނުން ބަލާ ނިންމި މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތަކާ ގުޅިގެން ދައުލަތުގެ އެކި އިދާރާތަކުގައި ހުރި އެކިކަންކަން އިޞްލާޙް ކުރުމަށް ޖުމްލަ 47 އިދާރާއަކަށް، 82 އެންގުން ކޮމިޝަނުން އަންގާފައިވާއިރު، 2018 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ނިންމާފައިވާ މައްސަލަތަކާ ގުޅިގެން އެކި ކަންތައްތައް އިޞްލާޙް ކުރުމަށް ދައުލަތުގެ އެކި އިދާރާތަކަށް ޖުމްލަ 148 އެންގުމެއް ވަނީ އަންގާފައެވެ.