Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ރައީސް ނަޝީދު، އުއްތަމަ ފަނޑިޔާރާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މަޖިލީހުގެ އިދާރާގައެވެ. ނަމަވެސް މި ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް މަޖިލީހުގެ އިދާރާ އިން ހާމަކޮށްފައެއް ނުވެއެވެ.

ނަޝީދު އުއްތަމަ ފަނޑިޔާރާ ބައްދަލުކުރައްވާފައިވާއިރު، ސުޕްރީމް ކޯޓަށް ގާނޫނު އަސާސީން ލިބިދީފައިވާ ބާރުތަކުގެ އިމުން ބޭރުވެ ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރަކަށް އަރައިގެންފިނަމަ އެކޯޓާމެދު އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް މަޖިލީހުން އިގުރާރުވާ ގަރާރު ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފްތާގައި ވަނީ ފާސްކޮށްފައެވެ.

މިފަދަ ގަރާރެއް މަޖިލީހުން ފާސްކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ފަސްކުރަން އެ ކޯޓުން ކުރި އަމުރާ ހިލާފަށް ޖުޑީޝަލް ސާވިސް ކޮމިޝަނާއި، ރައްޔިތުންގެ މަޖިލީހާއި، މަޖިލީހުގެ އެއްވެސް ކޮމިޓީއަކުން ވެސް ނިންމާ ކޮންމެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން އަމުރުކޮށް އެކަން މަޖިލީހަށް އަންގާފައި ވަނިކޮށެވެ.

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން  ހުށަހެޅުއްވި އެ ގަރާރުގައި ބުނެފައިވަނީސުޕްރީމް ކޯޓުގެ އަމުރުގައި ޖޭއެސްސީގެ ނިންމުންތަކަށް ގޮތް ކަނޑައެޅުމުގެ ބާރު މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ލިބިގެން ނުވާނެ ކަމަށް ބުނެފައި އޮތުމަކީ މަޖިލީހުގެ ބާރުތަކާއި ރައްޔިތުންގެ ސީދާ ބާރު ހަނި ކުރުމުގެ އަމަލެއް ކަމަށެވެ.

އަދި އެ އަމުރުން ކޮށްފައިވާ ގައިދުތަކަށް ތަބާވުމަކީ މަޖިލީހަށް ގާނޫނު އަސާސީގެ ދަށުން ލިބިގެންވާ ބާރުތައް ދޫކޮށްލުން ކަމަށާއި އެ އަމުރަކީ އޭގެ ސަބަބުން ދައުލަތް ހިންގުމުގެ ނިޒާމް ބޮއްސުންލައި ގާނޫނު އަސާސީން ތަރުތީބުކޮށްފައިވާ އިންތިޒާމުތަކަށް ލޮޅުން އަރާ ގޮތަށް ނެރެފައިވާ ގާނޫނާ ހިލާފު އަމުރެއް ކަމަށްވެސް އެ ގަރާރުގައި ބުނެފައިވެއެވެ.

މީގެއިތުރުން މަޖިލީހުގެ މަސައްކަތަށް ނުފޫޒު ފޯރުވުމާއި މަޖިލީހުން ކޮށްފައިވާ މަސައްކަތެއްގެ ސައްހަކަން ބަލައި އެ ނިންމުމެއްގެ މައްޗަށް ބަސް ބުނުމަކީ އެއްވެސް މީހަކަށް ނުވަތަ މުއައްސަސާއަކަށް ވެސް ލިބިގެންވާ ބާރެއް ނޫންކަން އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ.