Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

މެޖިސްޓްރޭޓްގެ މައްސަލަ ޖުޑީޝަރީ ކޮމިޓީ އަށް

ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށްދަނީ - ފޮޓޯ: މަޖިލިސް

ގދ،ތިނަދޫ މެޖިސްޓްރޭޓު ކޯޓުގެ މެޖިސްޓްރޭޓް، އިބްރާހިމް ރަޝީދު ފަނޑިޔާރު ކަމުން ވަކިކުރަން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލަ އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އަށް ފޮނުވަން ފާސްކޮށްފިއެވެ.

މި މައްސަލަ އިތުރަށް ދިރާސާ ކުރަން ޖުޑީޝަރީ ކޮމިޓީ އަށް ފޮނުވަން ހުށަހެޅީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އެވެ. އެ ހުށަހެޅުން ފާސްވީ 73 މެމްބަރުންގެ ވޯޓާއެކުއެވެ. އެ ހުށަހެޅުމާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

އިބްރާހީމް ރަޝީދުގެ ސުލޫކީ މައްސަލަ ޖޭއެސްސީއަށް ހުށަހެޅީ 2013 ވަނަ އަހަރުގެ ތެރޭގައި ކަމަށްވީ ނަމަވެސް ޖޭއެސްސީން މިމައްސަލަ ނިންމުމަށްފަހު މަޖިލީހަށް ފޮނުވާފައިވަނީ އިއްޔެއެވެ.

އަމިއްލަ ފަރާތަކުން ޖޭއެސްސީއަށް ހުށަހެޅި މެޖިސްޓްރޭޓް އިބްރާހީމް ރަޝީދުގެ މައްސަލައިގައި ބުނެފައިވަނީ އޭނާ ދިރިއުޅުއްވާ ގޭގެ ކުރިމަތީގައި ހުރެ އަންހެނަކާ މުހާތަބުކޮށް ހަޑިހުތުރު އެއްޗެތި ގޮވައި އެ ހިސާބުގަނޑު އެންމެންގެ ކުރިމަތީގައި ހަޅޭއްލަވާފައިވާ ކަމަށެވެ.

އެ އަންހެން މީހާ އަކީ ނަހަލާލަށް ބަލިވެ އިނދެ ދަރިވައްޓާފައި ހުރި މީހެއް ކަމަށްބުނެފައިވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

ޖޭއެސްސީން ބުނީ މިމައްސަލަ ނިންމުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތަށް ރިއާޔަތްކޮށްފައިވާނެ ކަމަށާއި އެގޮތުން މެޖިސްޓްރޭޓެއްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އާންމު ފަރުދަކާ ދިމާލަށް ހަޑި ހުތުރު ބަހުން ވާހަކަ ދައްކައި އެއްޗެތި ގޮވާ ހަޅޭއްލެވުމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށެވެ.

މިއީ ޖޭއެސްސީގެ ތާރީހުގައި ވެސް ފަނޑިޔާރަކު މަގާމުން ވަކި ކުރަން މަޖިލީހަށް ފޮނުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.