Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ބާ ކައުންސިލް އުފެއްދުމުގެ ބިލު ފާސްކޮށްފި

ބާ ކައުންސިލް އުފެއްދުމަށް އެކުލަވާލާ "ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ބިލް" ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އެވެ. ބިލު މަޖިލީހުން ފާސްކުރީ 69 މެމްބަރުންގެ ވޯޓާއެކުއެވެ.

ގާނޫނީ ފަންނުގެ ބިލަކީ ގާނޫނީ ވަކީލުންގެ ކަންކަން ބަލަހައްޓަން ބާ ކައުންސިލެއް އުފައްދާ ގޮތަށް އެކުލަވާފައިވާ ބިލެކެވެ. މިހާރު ވަކީލުންގެ ކަންކަން ބަލަހައްޓަނީ ސުޕްރީމް ކޯޓުގެ ދަށުން ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.

ބާ ކައުންސިލު ވުޖޫދުވުމުން ގާނޫނީ ވަކީލުންނަށް ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުންނާއި ގުޅުން ހުރި ހުރިހާ ކަމެއް ނިންމާނީ އެ ކައުންސިލުން ކަމަށް ބިލުގައި ބުނެފައިވެއެވެ.

ގާނޫނީ ހިދުމަތުގެ ނަމުގައި އެ ބިލު މިދިޔަ މަޖިލީހަށް ވެސް ހުށަހެޅިއެވެ. ނަމަވެސް މިދިޔަ މަޖިލީހުގެ ދައުރު ނިމުނުއިރު ވެސް އެ ބިލު ފާސްވެފައެއް ނުވެއެވެ.