Last Updated: April 20, 17:48
Saturday, April 20, 2024
ޚަބަރު

ލުތުފީ މަގާމުން ވަކިކުރަން ކޮމިޓީން ފާސްކޮށްފި

އޭސީސީގެ ރައީސް ހަސަން ލުތުފީ - ފޮޓޯ: އޭސީސީ

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް ހަސަން ލުތުފީ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމަށް މި ހުށަހެޅުން ކޮމިޓީ އަށް ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ޝަފީގެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސަނީފެވެ. މި ހުށަހެޅުން ފާސްވީ ކޮމިޓީގެ އިއްތިފާގުންނެވެ.

ލުތުފީ މަގާމުން ވަކިކުރަން ހުށަހެޅީ މިދިޔަ އޭޕްރީލް މަހުން ފެށިގެން އެއްވެސް އުޒުރަކާ ނުލައި މިއަދާ ހަމައަށް ވަޒީފާ އަށް ނިކުންނަވާފައި ނުވާތީއެވެ.

ފާއިތުވި ދެ މަސްދުވަހު ލުތުފީ މަސައްކަތަށް ނިކުންނަވާފައިނުވި ނަމަވެސް ގަވާއިދުން އޭނާ މުސާރަ ނަންގަވަމުންދާ ކަމަށް އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

ލުތުފީ މަގާމުން ވަކިކުރަން ކޮމިޓީން ފާސްކުރި ނަމަވެސް، މި މައްސަލައާ މެދު އެންމެފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ.