Last Updated: March 28, 19:01
Thursday, March 28, 2024
ވިޔަފާރި

އޯރކާ އިން ވިޔަފާރިއަށް ޚާއްސަ މަޖައްލާއެއް ނެރެނީ

އޯރކާ މީޑިއާ ގްރޫޕުން ވިޔަފާރިއަށް ޚާއްސަ ކޯޕަރޭޓް މޯލްޑިވްސް މަޖައްލާގެ ފުރަތަމަ ޗާޕު ނެރެން ނިންމައިފިއެވެ.

ކޯޕަރޭޓް މޯލްޑިވްސް އަކީ އޯރކާ މީޑިއާ ގްރޫޕުން 2016 ވަނަ އަހަރު ލޯންޗްކުރި އޮންލައިން ވިޔަފާރި ނޫސްމަޖައްލާއެކެވެ. މަޖައްލާ އަމާޒުކޮށްފައިވަނީ ކޯޕަރޭޓް އަދި ހޮސްޕިޓަލިޓީ ދާއިރާގެ ބޭފުޅުންނަށެވެ.

އޯރކާ އިން މައުލޫމާތުދިން ގޮތުގައި މި މަޖައްލާ ނެރެން ގަސްތުކޮށްފައިވަނީ ކޮންމެ ހަތަރު މަހުން އެއްމަހުންނެވެ. މި މަޖައްލާގެ އެންމެ ފުރަތަމަ ޗާޕު ނެރެން ހަމަޖެހިފައިވަނީ އަންނަ މަހުއެވެ.

މި މަޖައްލާއަކީ ތަފާތު ގިނަ ދާއިރާއަކަށް ބަހާލައިގެން ނެރޭ މަޖައްލާއެކެވެ. މި މަޖައްލާގައި ހިމެނޭ ދާއިރާތަކަކީ؛ ޞިއްޙަތު، ބޭންކިންގް، އިންޝުއަރެންސް، ޓެކްނޮލޮޖީ، ތިމާވެށި، މަސްވެރިކަން، މާކެޓިން، ދަތުރުފަތުރު، ވިޔަފާރިވެރިން، ފިނޭންސް، ރިއަލް އެސްޓޭޓް، ސަރުކާރު، ސީ.އެސް.އާރް، ޓުއަރިޒަމް، އަންހެނުން، ސްޓާޓްއަޕްސް،މީހުން، އޭވިއޭޝަން، ކޮންސިއުމަރ،ވޯރކް ލައިފް އަދި ކާނާއެވެ.

އޯރކާ މީޑިއާ ގްރޫޕަކީ 2010 ވަނަ އަހަރުން ފެށިގެން މާރކެޓިންގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެކެވެ. ނަމަވެސް މި އަހަރުގެ މޭމަހުގެ ތެރޭ މި ކުންފުނި ވަނީ މީޑިއާއަށް ޚާއްސަ ކުންފުންޏަކަށް ބަދަލުވެފައެވެ.

އޯރކާ މީޑިއާ ގްރޫޕުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭ މީޑިއާގެ ޚިދުމަތް، އިވެންޓް ބޭއްވުން، މާރކެޓިންގެ ޚިދުމަތްތައް، ކޮންޓެންޓް މާރކެޓިންގް، ޕަބްލިޝިންގް، ވެބް ޑިޒައިން، އިޝްތިހާރުކޮށްދިނުން، ބްރޭންޑިންގް، ފޮޓޯ އާއި ވީޑިއޯ ނެގުމުގެ ޚިދުމަތްތައް ހިމެނެއެވެ.