Last Updated: April 19, 13:47
Friday, April 19, 2024
ކުޅިވަރު

ޗިލީ ކަޓުވާލައި ޕެރޫ ފައިނަލަށް

3-0 އިން ޗިލީގެ މައްޗަށް ކުރި ހޯދައި ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ޕެރޫ ދަތުރުކޮށްފިއެވެ.

އެންމެފަހުން ބޭއްވި ދެ ކޮޕަ އެމެރިކާ މުބާރާތް ވެސް ކާމިޔާބުކުރި ޗިލީއާ ދެކޮޅަށް ޕެރޫ އިން ރޭ މޮޅު ކުޅުމެއް ދެއްކިއިރު މެޗުގެ 21 ވަނަ މިނެޓްގައި އެޑިސަން ފްލޯރެސް ވަނީ އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔޮޝިމާ ޔޮޓުން ވަނީ ޕެރޫގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ޗިލީން ޕެރޫގެ ގޯލަށް ނުރައްކާއިރު އެޓީމުގެ އެލެކްސިސް ސަންޗޭޒް އާއި އާޓޫރޯ ވިޑާލް މެންފަދަ ކުޅުންތެރިން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕެރޫގެ ކީޕަރު ޕެޑްރޯ ގަލެސީއެވެ.

މި މެޗުގައި ޕެރޫ އިން ކާމިޔާބުކުރި ތިންވަނަ ގޯލު މެޗުގެ 90 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޕައުލޯ ގުރޭރޯއެވެ. މެޗުގެ ފަހު ވަގުތުކޮޅުތެރޭ ޗިލީ އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ވާގާސް ފޮނުވާލި އެ ޕެނަލްޓީ ޕެރޫގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މިއީ 1975 ވަނަ އަހަރަށްފަހު ކޮޕަ އެމެރިކާގެ ފައިނަލަށް ޕެރޫ ދަތުރުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ފައިނަލްގައި ޕެރޫ ބައްދަލުކުރާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބްރެޒިލްއާ ދެކޮޅަށެވެ. ފައިނަލް މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުއެވެ.