Last Updated: April 25, 12:03
Thursday, April 25, 2024
ކުޅިވަރު

ޗެލްސީގެ ކޯޗަކަށް ލަމްޕާޑް ހަމަޖައްސައިފި

ހުސްވެފައިވާ ޗެލްސީގެ ކޯޗު ކަމުގެ މަގާމަށް އެ ކްލަބަށް ކުރިން ކުޅުނު ފްރޭންކް ލަމްޕާޑް ހަމަޖައްސައިފިއެވެ.

ޗެލްސީގެ ކޯޗުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި މައުރީޒިއޯ ސާރީ އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވުމުންނެވެ.

އިނގިރޭސި ދެވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ޑާބީ ކައުންޓީގެ ކޯޗުކަމުގެ މަގާމުގައި މިދިޔަ ސީޒަނުގައި ހުރި ލަމްޕާޑް ޗެލްސީގެ ކޯޗުގެ ކަމުގެ މަގާމާ ހަވާލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މަގާމާއި ހަވާލުވުމަށްފަހު އުމުރުން 41 އަހަރުގެ ލަމްޕާޑް ބުނީ ކޯޗެއްގެ ގޮތުގައި އެނބުރި ޗެލްސީ އަށް އާދެވުމަކީ ލިބޭ ފަހުރެއް ކަމަށާއި ކްލަބާ މެދު އޭނާ ދެކޭގޮތް އެންމެންނަށް ވެސް އިނގޭނެ ކަމަށެވެ.

"މިހާރު އަހަންނާ ހަވާލު ކުރެވިފައިވާ ޒިންމާ އަކީ ކުރިއަށް އޮތް ސީޒަނަށް ޓީމު ވީހާވެސް ރަނގަޅަކަށް ތައްޔާރު ކުރުން. ބުރަކޮށް މަސައްކަތް އިތުރު ކާމިޔާބީތަކެއް ހޯދަން ކްލަބަށް އެނބުރި މިއައީ" ލަމްޕާޑް ބުންޏެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ޗެލްސީގައި 13 އަހަރު ލަމްޕާޑް ހޭދަކުރިއިރު އޭނާ އަކީ އެ ކްލަބަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔާ ވެސް މެއެވެ. އެގޮތުން ލަމްޕާޑް ވަނީ ޗެލްސީ އަށް ކުޅެދިން 648 މެޗުގައި 211 ގޯލު ކާމިޔާބުކޮށްދީފައެވެ.

ޗެލްސީ އާއެކު ލަމްޕާޑް 11 ތަށްޓެއް ކާމިޔާބުކުރިއިރު އޭގެތެރޭގައި އެއް ޗެމްޕިއަންސް ލީގު ވެސް ހިމެނެއެވެ. އެ ތަށި ޗެލްސީން ކާމިޔާބުކުރީ ލަމްޕާޑްގެ ކެޕްޓަން ކަމުގެ ދަށުން ކުޅެއެވެ.