Last Updated: April 19, 13:47
Friday, April 19, 2024
ކުޅިވަރު

ރޮބެން ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި

ބަޔާން މިއުނިކަށް ކުޅެމުން އައި ނެދަލޭންޑްސްގެ ވިންގާ އާރެޔަން ރޮބެން ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފިއެވެ.

އުމުރުން 35 އަހަރުގެ ރޮބެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުޅުން ހުއްޓާލަން ނިންމި ނިންމުަކީ މިހާތަނަށް ނިންމަން އެންމެ އުނދަގޫވި ނިންމުން ކަމަށެވެ.

"ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރަށް ނިންމުން ގެންނަން ނިންމައިފިން. މިއީ ކެރިއަރުގައި ވެސް މިހާތަނަށް ނިންމަން ޖެހުނު އެންމެ އުނދަގޫ ނިންމުން" ރޮބެން ބުންޏެވެ.

19 އަހަރަށްފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން ރޮބެން ނިންމިއިރު އޭނާ ވަނީ ރެއާލް މެޑްރިޑާއި ޗެލްސީ އަދި ނެދަލޭންޑްސްގެ ޕީއެސްވީ އަށް ކުޅެފައެވެ.

ރޮބެންގެ ކެރިއަރުގައި އޭނާ ވަނީ ޖުމްލަ 606 މެޗު ކުޅެ 247 ގޯލު ކާމިޔާބުކޮށް 28 ތަށި ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ ނެދަލޭންޑްސްގެ ގައުމީ ޓީމަށް 96 މެޗު ކުޅެދީފައެވެ.

ނެދަލޭންޑްސްގެ ގައުމީ ޓީމާއެކު މާބޮޑު ކާމިޔާބީއެއް ރޮބެން އަށް ހޯދިފައިނުވާއިރު، އޭނާ ވަނީ 2010 ވަނަ އަހަރު ނެދަލޭންޑްސްގެ ގައުމީ ޓީމު ވޯލްޑް ކަޕްގެ ފައިނަލަށް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. ނަމަވެސް ފައިނަލްގައި ނެދަލޭންޑްސް ވަނީ ސްޕެއިން އަތުން 1-0 އިން ބަލިވެފައެވެ.