Last Updated: April 19, 22:45
Friday, April 19, 2024
ކުޅިވަރު

ރޮޑްރީ 62 މިލިއަން ޕައުންޑަށް ސިޓީ އަށް

އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އައި ސްޕެއިންގެ މިޑްފީލްޑަރު ރޮޑްރީ މެންޗެސްޓަރ ސިޓީ އަށް ބަދަލުވެއްޖެއެވެ.

އުމުރުން 23 އަހަރުގެ ރޮޑްރީ ސިޓީ އަށް ބަދަލުވީ 62.5 މިލިއަން ޕައުންޑުގެ އަގަކަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިއީ މިހާތަނަށް ސިޓީ އަށް އެންމެ ބޮޑު އަގެއްގައި ގެނައި ކުޅުންތެރިޔާ ވެސް މެއެވެ. މީގެކުރިން ސިޓީން އެންމެ ބޮޑު އަގެއްގައި ގެނައީ ރިޔާދު މަހްރޭޒްއެވެ. އެއީ 60 މިލިއަން ޕައުންޑެވެ.

ސިޓީ އަށް ބަދަލުވުމަށްފަހު ރޮޑްރީ ބުނީ ފާއިތުވި ދެ އަހަރު ސިޓީން ހޯދާފައިވަނީ ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ކަމަށާއި އެ ކާމިޔާބީތައް އެޓީމުން ހޯދާފައިވަނީ ވެސް ތަފާތު ގޮތަކަށެވެ. އެގޮތުން އެޓޭކިން ފުޓްބޯޅައެއް ސިޓީން ކުޅޭކަން ފާހަގަކޮށް ރޮޑްރީ ވަނީ އެއީ އޭނާ އަށް ވަރަށް ކަމުދާ ސްޓައިލެއް ކަމަށްވެސް ބުނެފައެވެ.

"ޕެޕް ގާޑިޔޯލާއާ ސިޓީގެ ކުޅުންތެރިންނާ އެކު މަސައްކަތް ކުރަން މިހުރީ ކެތްމަދުވެފައި. އެންމެން ގުޅިގެން ރަނގަޅު ކާމިޔާބީތަކެއް ހޯދޭނެ ކަމަށް އުއްމީދުކުރަން" ރޮޑްރީ ބުންޏެވެ.

ރޮޑްރީ ސިޓީ އަށް ބަދަލުވިއިރު އޭނާ ގެންނަން ބަޔާން މިއުނިކުން ވެސް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވެއެވެ.