Last Updated: April 18, 03:29
Thursday, April 18, 2024
ކުޅިވަރު

ޑި ލައިޓް ބާސާ އިން ފެންނަން ބޭނުން: ޑި ޔޮންގް

އަޔެކްސް އަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ ޒުވާން ޑިފެންޑަރު މަތިއަސް ޑި ލައިޓް ވެސް ބާސެލޯނާ އަށް އަންނާނެ ކަމަށް އުއްމީދުކުރާ ކަމަށް އޭނާއާއެކު އަޔެކްސް އަށް ކުޅުނު ފްރެންކީ ޑި ޔޮންގް ބުނެފިއެވެ.

މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އުމުރުން 19 އަހަރުގެ ޑި ލައިޓް އަޔެކްސް ދޫކޮށްލާނެ ކަމަށް ބެލެވިފައިވާއިރު އޭނާ ގެންނަން ބާސާގެ އިތުރުން ޔުވެންޓަސް އިން ވެސް ވަރަށް ބޮޑަށް ޝައުގުވެރިވެއެވެ.

ޑި ލައިޓްއާއެކު އަޔެކްސް އަށް ކުޅުމަށްފަހު ބާސާ އަށް ބަދަލުވި ޑި ޔޮންގް އިއްޔެ ނޫސްވެރިންނާ ވާހަކަދައްކަމުން ބުނީ ޑި ލައިޓް ވެސް ބާސާ އިން ފެންނަން ބޭނުންވާ ކަމަށާއި ނަމަވެސް އެ ނިންމުން ނިންމާނީ އޭނާ ނޫން ކަމަށެވެ.

"އެއީ ޑި ލައިޓް އަމިއްލަ އަށް އޭނާގެ އާއިލާއާއެކު މަޝްވަރާ ކުރުމަށްފަހު ނިންމަންޖެހޭ ނިންމުމެއް" އުމުރުން 22 އަހަރުގެ ޑި ޔޮންގް ބުންޏެވެ.

ޑި ޔޮންގް މިހެން ބުނިއިރު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބާސާގެ ރައީސް ޖޯސެޕް ބާޓެމައު ވަނީ އަންނަ ސީޒަނުގައި ޑި ލައިޓް ކުޅޭނެ ކްލަބެއް އޭނާ އަށް އެނގޭ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ބާޓެމައު ދެއްވާފައެއް ނުވެއެވެ.